ރޭ އީރާނުން ޓެލްއަވީވަށް މިސައިލްތައް ފޮނުވާލުމާ ގުޅިގެން އިޒްރޭލުން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފިއެވެ.
އަރަބް މަސްދަރުތަކުން ބުނާ ގޮތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ "އެމީހުން ވަނީ 200 މިސައިލް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން 90 ޕަސެންޓް މިސައިލް ކާމިޔާބުކަމާއެކު އަމާޒުތަކަށް ހަމަލާދީފައިވާ" ކަމަށެވެ.
ނަމަވެސް އިސްރާއީލު ސިފައިންގެ ބަޔާނުގައި ބުނެފައިވަނީ ގާތްގަނޑަކަށް 180 މިސައިލް އީރާނުން ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ގިނަ މިސައިލްތައް ވައްޓާލާފައިވާ ކަމަށާއި ނަމަވެސް ބައެއް މިސައިލްތައް ވަނީ މެދުތެރެއާއި ދެކުނު އިސްރާއީލަށް ވެއްޓުނު ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި 'ޓެލް އަވީވް ސަރަހައްދުގައި ހުރި ތިން އަސްކަރީ މަރުކަޒަކަށް އަމާޒުކޮށްފައިވާއިރު، އިސްރާއީލުން ބަދަލު ހިފާނަމަ ދެން އީރާނުން ދޭނެ ރައްދު މާ ވަރުގަދަ ވާނެއެވެ.
އީރާނުގެ ބަޔާނުގައި ބުނެފައިވަނީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުالله އާއި ހަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލުމުގެ ރޭވުމުގައި ބޭނުންކުރި ރާޑަރު ބޭސްތައް ހިމެނޭ ގޮތަށް ސަލާމަތީ ވަސީލަތްތަކަށެވެ.
ރިވޮލިއުޝަނަރީ ގާޑުން ބުނީ "އީރާނުގެ ސިފައިން ފުރަތަމަ ފަހަރަށް ހައިޕަރސޮނިކް މިސައިލް ބޭނުންކުރި ކަމަށާއި އެއީ އަޑުގެ ސްޕީޑަށް ވުރެ މަދުވެގެން ފަސް ގުނަ ބާރަށް ދަތުރުކުރެވޭ ހަތިޔާރެއް" ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެފައިވަނީ "އީރާނަށް ބޮޑު ގޯހެއް ހެދިފައިވާ ކަމަށާއި އޭގެ ޒިންމާ އުފުލަން ޖެހޭނެ" ކަމަށެވެ. އިސްރާއީލުން ބުނީ އެގައުމަށް ހަމަލާދޭ ކޮންމެ ބަޔަކާއި ދެކޮޅަށް ހަމަލާ ދޭނެ ކަމަށެވެ.









