ޣައްޒާ ސިޓީގައި ގެދޮރު ގެއްލިފައިވާ މީހުންގެ ތެރެއިންބަޔަކު ހިޔާވަހިކަން ހޯދަމުންދާ ސްކޫލްތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ ނުވަ މީހަކު ޝަހީދުވެ 20 މީހަކު ޒަހަމްވެއްޖެ އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި ރޭ ޣައްޒާ ސިޓީގެ ތުއްފާ ސަރަހައްދުގެ ޒަރުގާ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ މަސްކަތު ސްކޫލަށް ހައްދުފަހަނައެޅި ޖަމާއަތުން ބޮން އެޅިއިރު އެތަނުގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ޝަހީދުވެ 17 މީހަކު ޒަހަމްވެފައިވެ އެވެ.
މީގެ އިތުރުން ޣައްޒާ ސިޓީގެ ހުޅަނގުން ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ އަލް އަމާލް ޔަތީމު ކުދިންގެ ގެއަށް އިސްރާއީލް ފޯސްތަކުން ބޮން އެޅުމުން އާންމުންގެ ހަ މީހަކު ޝަހީދުވެ އިތުރު ބަޔަކު ވެސް ވަނީ ޒަހަމްވެފަ އެވެ.
ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ހުއްޓުމަކަށް ނާންނައިރު ހަމަލާތައް މުޅީން ހުއްޓާލުމުގެ އެއްބަސްވުމަކަށް ވެސް ނާދެވެއެވެ. އެކަމުގެ ތެރެއިން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލާފައިވާއިރު ޖުމްލަ ޝަހީދުވީ މީހުންގެ އަދަދު ބައިލައްކައިން މަތީގައި އުޅޭ ކަމަށް ބެލެވެއެވެ.
އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި ތާށިވެ ޝަހީދުވެފައިވާ އެތައް ހާސް ހަށިތަކެއް މިހާރު ވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެބަތިއްބެވެ.









