އިނގިރޭސިވިލާތުގެ ހުރިހާ އެއަރޕޯޓުތަކާއި އެންޓްރެންސްތަކުގައި އިސްރާއީލްގެ ދިދައިގައި ކުރަހާފައިވާ ތަރި ނުވަތަ ޔަހޫދީންގެ މާތް ރަމްޒު ކަމަށްވާ ސްޓާ އޮފް ޑޭވިޑް ޖަހަން ޖެހޭ ކަމަށް އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ އިސް ސިޔާސީ ބޭފުޅެއް ކަމަށްވާ ރޮބަޓް ޖެންރިކް ހުށަހަޅުއްވައިފި އެވެ. މިއީ އިނގިރޭސިވިލާތުން އިސްރާއީލަށް ދޭ އެއްބާރުލުން ދައްކުވައިދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ، އިނގިރޭސިވިލާތުގެ އެމްބަސީ ތެލް އަވީވް އިން ގުދުސް އަށް ބަދަލު ކުރުމަށް ވެސް ރޮބަޓް ޖެންރިކް ވަނީ ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ މި ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތް ތިބީ އިސްރާއީލާ އެކުގައިކަން ހާމަވެގެންދާނެ ކަމަށެވެ.
އިސްރާއީލުން އިނގިރޭސިވިލާތަށް ވަންނަން ބޭނުންވަނީ އީ-ގޭޓް މެދުވެރިކޮށް ނޫން ކަމަށާއި ޕާސްޕޯޓް ހޯދުމުގެ އާންމު ޕްރޮސެސްގެ ތެރެއިން ކަމަށް ރޮބަޓް ޖެންރިކް ވިދާޅުވެފައިވެ އެވެ. އަދި އިސްރާއީލުގެ މީހުންނަށް އިނގިރޭސިވިލާތަށް ފަސޭހަކަމާއެކު ވަދެވޭނެ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރޮބަޓް ޖެންރިކްގެ މި ހުށަހެޅުންތަކަކީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕްގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކެކެވެ. މި ހުށަހެޅުންތަކާ މެދު އާންމުންގެ ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާ ކަމަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ.









