އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ހަނގުރާމަވެރި އަމަލުތައް ދިފާއުކުރުމަށް ތަވްރާތުގެ ދަލީލު ދައްކައިފިއެވެ. މީގެ ކުރިން ވެސް އިސްރާއީލުގެ ސިފައިންނާއި އޮފިސަރުންނަށް އޭނާ ފޮނުއްވި ސިޓީއެއްގައި އޭނާ ވަނީ ޣައްޒާއާ ދެކޮޅަށް އެމީހުން ބާރުއެޅުމަށް ތައުރާތުން ނަގާފައިވާ ބައެއް ވާހަކަތައް ބޭނުންކޮށްފަ އެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހުގައެވެ.
މަގު ފުރެދިފަައިވާ ބެންޖަމިން ނަތަންޔާހޫ އެފަހަރު ބުނީ ކީކޭ؟
"އަމަލީކް ތިޔަބައިމީހުންނަށް ކުރި ކަންތައްތައް ހަނދާން ކުރާތި،" ޣައްޒާއަށް ދިން ހަމަލާތައް ޖަސްޓިފައި ކުރުމަށް އިބްރާހީމީ އަދި ކްރިސްޓިއަން ލިޔުންތަކުގެ ބައެއް ފޮތްތަކުގައި ފާހަގަކޮށްފައިވާ ހަނގުރާމަވެރި އަމަލީކް ގަބީލާއަށް އިޝާރާތް ކުރައްވައި ނަތަންޔާހޫ އިސްރާއީލުގެ ސިފައިންނަށް ވިދާޅުވި އެވެ.
"މިއީ އަލިކަމުގެ ދަރިންނާއި އަނދިރީގެ ދަރިންގެ މެދުގައި ހިނގާ ހަނގުރާމައެއް،" ދީނީ މާނައެއްގެ މި ބަސްތައް ބޭނުންކޮށްގެން ހައްދުފަހަނައެޅި މަގުފުރެދިފައިވާ ނަތަންޔާހޫ ވިދާޅުވި އެވެ. "އަލިކަން އަނދިރިކަމުން އަރައިގަންނަންދެން އަހަރެމެންގެ މިޝަންގައި ފަސްނުޖެހޭނަން؛ ހެޔޮކަންތައްތަކުން އަހަރެމެންނާއި މުޅި ދުނިޔެއަށް ނުރައްކާވާ ހަރުކަށި ނުބައިކަން ބަލިކުރާނެ."
"ހަނގުރާމައަށްޓަކައި ކަލޭގެފާނު އަހަރެންގެ ގައިގައި ބާރު އަޅުއްވައިފިއެވެ. އަހަރެންނާ ދެކޮޅަށް ތެދުވި މީހުން އަހަރެންގެ ދަށަށް އަޅުއްވައިދެއްވީ،" މަންޞޫޚް ކުރެވިފައިވާ، އަދި އެއަށް ބޮޑެތި ބަދަލުތައް ގެނެސް މުޅިން އޮޅުވާލާފައިވާ ޔަހޫދީންގެ ފޮތުން ތަނާޚް (ޒާބުޙާ 18:40) އިން ނަތަންޔާހޫ ނަންގަވާފައިވެއެވެ.
އޭގެކުރީގެ ހަފްތާގައި ނަތަންޔާހޫ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ޖަސްޓިފައި ކުރުމަށް ޔަހޫދީ އަދި ކްރިސްޓިއަން ލިޔުންތަކަށް ވެސް ބާރު އަޅާފައެވެ.
"ބައިބަލްގައި ބުނަނީ 'ސުލްހައަށް ވަގުތެއް ވާއިރު ހަނގުރާމައަށް ވަގުތެއް އޮވެއެވެ.' މިއީ ހަނގުރާމައިގެ ވަގުތެއް،" އިބްރާހީމީ ބައިބަލް (ތަނާޚް) އާއި ކްރިސްޓިއަން ބައިބަލްގެ މުސްކުޅި ޢަހުދު ފޮތެއް ކަމަށްވާ އެކްލިސިއޭސްޓިސް އާއި ހަވާލާދީ ނަތަންޔާހޫ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. ފާހަގަކުރެވޭ ގޮތުގައި ޣާފިލުކަމުގައިވާ ނަތަންޔާހޫ ދައަވާ ދަލީލުތަކަކީ ސައްހަ އެއްޗެއްސެއް ނޫނެވެ. އެއީ ބާޠިލެވެ. ގުރުއާން ފިޔަވައި އިލާހީ ވަހީގެ ސައްހަ އެއްވެސް ފޮތެއް އަމިއްލައަށް އުފައްދައިގެން މިހާރު އެއުޅޭ ދީންތަކުގައި ނޯންނާނެއެވެ. ޔަހޫދީންނާއި ނަސާރާއިން ފަދަ ފޮތުގެ އަހުލުވެރީންގެ އަތްތަކުގައި ވެސް ހުރީ އެމީހުންގެ ކާބަފައިން ބޭނުންވާ ގޮތްތަކަށް ބަދަލުކޮށްފައިވާ ފޮތްތަކެއްކަން މުސްލިމުން ދެނެގަތުން މުހިއްމު ކަމުގައި މި ފުރުސަތުގައި ހަނދާންކޮށްލުމަށްޓަކައި މިފުރުސަތުގައި ލިޔެލަމެވެ.
އިއްޔެ ނަތަންޔާހޫ ބުނި ގޮތުގައި އިސްރާއީލުން އަމަލުކުރަމުން ގެންދަނީ ތަވްރާތާއި ތަލްމޫދުގައިވާ ގޮތަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ނުވަތަ އ.ދ.ގެ ގަރާރުތަކަށް ތަބާވާކަށް ނުޖެހޭނެ ކަމަށް ބުންޏެވެ.
ޒަޔަނިސްޓް ފިކުރުގެ ޔަހޫދީން ބުނާގޮތުން ފަލަސްތީނުގެ ބިމަކީ މާތް ﷲ ޔަހޫދީންނަށް ދިނުމަށް ވައުދު ކުރައްވާފައިވާ ބިމެކެވެ. ވައުދު ކުރައްވާފައިވާ ބިމުގައި ފަލަސްތީނުގެ އިތުރުން އިރާގުގެ ފުރާތު ކޯރާއި މިސްރުގެ ނީލަ ކޯރާ ދެމެދުގައިވާ ހުރިހާ ބިމެއް ހިމެނެއެވެ. އެއީ އިރާގާއި މިސްރުގެ ބަޔަކާ އުރުދުން ސޫރިޔާ އަދި ލުބްނާނާއި ސައޫދީ އަރަބިޔާގެ ބޮޑުބައެކެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބައެއް ޒަޔަނިސްޓުން ގަބޫލުކުރާ ގޮތުގައި ނޫކުލައިން ފާހަގަ ކޮށްފައިވާ ބިންތަކަކީ ވެސް އެމީހުންގެ ބިންތަކެވެ.
"ޔަހޫދީންގެ ވަޒަނަކީ ނީލަ ކޯރުން ފުރާތު ކޯރަށް" މިހެން ލިޔެފައިވާ ލިޔުމެއް އިސްރާއީލުގެ ޕާލަމެންޓް (ކެނީސެތް) ގައި 1948 ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެދުނީއްސުރެ ލިޔެ ހަރުކޮށްފައިވެއެވެ.
މި ބަޔާނަކީ އިސްރާއީލުގެ އަނިޔާވެރި އަމަލުތަކަށް ހުއްދަ ހޯދުމަށް ކުރާ މަސައްކަތެއްކަމަށް ބެލެވެއެވެ. އަދި މިފަދަ ބަޔާންތަކުން ސަރަހައްދުގެ ހަމަޖެހުމަށް ހުރަސްއެޅި، ދެ ދައުލަތުގެ ހައްލަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.









