ބޮލީވުޑްގެ މަޝްހޫރު ބްލޮކްބަސްޓަރ ފިލްމް ސިލްސިލާ "ދޫމް" ގެ ހަތަރުވަނަ ބައިގެ ލީޑް ތަރިއަކަށް ރަންބީރު ކަޕޫރު ހޮވިއްޖެއެވެ.
މި ޚަބަރު ކަށަވަރުވެގެން ދިޔައީ ރަންބީރުގެ 42 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.
އިންޑިއާގެ ނޫސްތަކުން މި މަޢުލޫމާތު ހާމަކޮށްފައިވާއިރު، ޕިންކް ވިލާއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މި ފިލްމަކީ ރަންބީރުގެ ފިލްމީ ކެރިއަރުގެ 25 ވަނަ ފިލްމް ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ޔަޝްރާޖް ފިލްމްސްގެ އަދިތްޔާ ޗޯޕްރާ މި ފިލްމް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، ރަންބީރާއެކު މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި ރަންބީރަކީ މި ފިލްމަށް އެންމެ އެކަށީގެންވާ ޗޮއިސް ކަމަށް އަދިތްޔާއަށް އިހުސާސްކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފިލްމުގެ ކުރީގެ ބައިތަކުގައި ފެނިގެން ދިޔަ އަބިޝޭކް ބަޗްޗަން އަދި އުދޭ ޗޯޕްރާ ފަދަ ތަރިން މި ފަހަރުގެ ބައިން ފެނިގެން ނުދާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެންމެ ފަހުން 2013 ވަނަ އަހަރު ނެރުނު "ދޫމް 3" ގައި އާމިރު ޚާން، އަބިޝޭކް ބަޗްޗަން، އުދޭ ޗޯޕްރާ އަދި ކެޓްރީނާ ކައިފް ފަދަ ތަރިން ފެނިގެން ދިޔައެވެ.
ރަންބީރު ކަޕޫރު މި ފިލްމުގައި ބައިވެރިވުމާމެދު އަބަދުވެސް ވަރަށް ޝައުޤުވެރިކަން ފާޅުކުރަމުން އައި ކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. "ދޫމް 4" ގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައި ނުވިނަމަވެސް، ބޮލީވުޑްގެ މި މަޝްހޫރު ފްރެންޗައިޒްގެ އައު ބަޔަކަށް ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ކަން ފާހަގަކުރެވެއެވެ.









