އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތައް އަގުވަޒަންކޮށްދޭ "އައިފާ އެވޯޑްސް" ގެ 24 ވަނަ އަހަރުގެ ރަސްމިއްޔާތުގައި "އެނިމަލް" ފިލްމަށް ޖުމްލަ ހަ އެވޯޑް ލިބިއްޖެއެވެ.
"އެނިމަލް" އަށް މި އެވޯޑްތައް ލިބިފައިވަނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމުތަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި "ޓުވެލްތު ފެއިލް"، "ޖަވާން"، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"، "ސާމް ބަހާދުރް" އަދި "ސްތުޔަޕްރޭމް ކީ ކަތާ" ހިމެނެއެވެ.
"އެނިމަލް" އަށް ލިބުނު ހަ އެވޯޑަކީ އެންމެ މޮޅު ފިލްމުގެ އިތުރުން، އެންމެ މޮޅު ސަޕޯޓިން އެކްޓަރު، އެންމެ މޮޅު އެކްޓަރު (ނެގެޓިވް ރޯލް)، އެންމެ މޮޅު މިއުޒިކް، އެންމެ މޮޅު ލިރިކްސް އަދި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑެވެ.
މި އަހަރުގެ އައިފާ އެވޯޑްސް ހޮސްޓުކުރީ ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން އާއި ޑައިރެކްޓަރު / ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. އެވޯޑް ރަސްމިއްޔާތު ބާއްވާފައިވަނީ އަބޫ ދާބީގައި ތިން ދުވަހަށެވެ. ފުރަތަމަ ދުވަހު ހިންދީ ނޫން އެހެނިހެން އިންޑިއަން ބަސްތަކުގެ ފިލްމުތަކަށް ވަނީ އެވޯޑު ދީފައެވެ. ދެވަނަ ދުވަހު ހިންދީ ފިލްމުތަކަށް އެވޯޑް ދީފައިވާއިރު، އެންމެ ފަހު ދުވަހު އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގެ ފަންނާނުންގެ އަގު ވަޒަންކޮށް ވަނީ އެވޯޑުދީފައެވެ.
އެހެނިހެން ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް "ޖަވާން" ފިލްމުން ޝާހްރުކް ޚާނަށް ލިބުނު އިރު، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް "މިސިޒް ޗެޓަރްޖީ ވާސަސް ނޯވޭ" ފިލްމުން ރާނީ މުކަރްޖީއަށް ލިބުނެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް "ޓުވެލްތު ފެއިލް ގެ ވިދޫ ވިނޯދް ޗޯޕްރާއަށް ވަނީ ލިބިފައެވެ.
އައިފާ އެވޯޑް ކާމިޔާބުކުރާ ފަންނާނުން ކަނޑައަޅަނީ ފޭނުންގެ މެދުގައި އޮންލައިންކޮށް ނަގާ ވޯޓަކުންނެވެ. މި އެވޯޑްސްއަކީ އިންޑިއާގެ ފިލްމީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓެވެ.









