އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ ދުވަސްވަރު "ދުވަހަކު ވެސް ރާއްޖެއަށް ނުދާނަމޭ" ބުނި އިންޑިއާގެ މަޝްހޫރު އެކްޓަރު އަރްޖުން ބިޖްލާނީ ޗުއްޓީއަށް ރާއްޖެ އައިސް، ރާއްޖޭގެ ރީތިކަން ސިފަކޮށް "ހުވަފެން ހަގީގަތަކަށް ވެއްޖެ" ކަމަށް ބުނެފިއެވެ.
ހިންދީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރު އަރްޖުން އާއި އޭނާގެ އަނބިކަނބަލުން ނޭހާ ސްވާމީ އަދި އެ ދެމަފިރިންގެ ދަރިފުޅު ރާއްޖެ އައީ މީގެ ތިން ދުވަސް ކުރިންނެވެ. އެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި ހުންނަ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައެވެ.
އެ ރިސޯޓުގައި އެ މީހުން ހޭދަކުރި ވަގުތުތައް ފެންނަ ފޮޓޯތަކާއި ރީލްސްތައް އަރްޖުން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައެވެ. އޭގެ ތެރެއިން އެއް ޕޯސްޓެއްގެ ކެޕްޝަނުގައި އަރްޖުން ވަނީ ރާއްޖެ އައުމަކީ ހުވަފެނެއް ހަޤީޤަތެއް ވުން ކަހަލަ ކަމެއް ކަމަށް ސިފަކޮށްފައެވެ.
މީގެ ކުރިން، ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން އަރްޖުން އޭރު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ރާއްޖެއަށް ދުވަހަކު ވެސް ނުދަން އަދި ދެން ދުވަހަކު ވެސް ނުދާނަން" ކަމަށެވެ. އެހެންނަމަވެސް، އަރްޖުން އެހެން ބުނުމަށް ފަހު ރާއްޖެ އައުމުން އިންޑިއާގެ މީޑިއާތަކުން ވެސް އޭނާއަށް ދަނީ ފާޑުކިޔަމުންނެވެ.
ދެ ގައުމުގެ ގުޅުން ގޯސްވި ދުވަސްވަރު އިންޑިއާގެ މަޝްހޫރު ވަރަށް ގިނަ އެކްޓަރުން ވަނީ ރާއްޖެއަށް ފާޑުކިޔާފައެވެ. އަދި ރާއްޖެއާ ދެކޮޅަށް އޭރު އިންޑިއާއިން ހިންގި "ބޮއިކޮޓް މޯލްޑިވްސް" ކެމްޕެއިންގައި ވެސް އެ ތަރިން ބައިވެރިވިއެވެ.
ނަމަވެސް، ރާއްޖެއާއި އިންޑިއާގެ ގުޅުން މިހާރު ރަނގަޅުވެފައި ވާތީ، އިންޑިއާގެ ސެލެބްރިޓީން ރާއްޖެ އައުން ވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ. މިކަމުން ދޭހަވަނީ ދެ ގައުމުގެ ގުޅުން އަލުން ރަނގަޅުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އޭގެ އަސަރު ފޯރަމުންދާކަމެވެ.









