ލުބުނާނުގެ ދެކުނުގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި، ހިޒްބުﷲ ޖަމާއަތުން އެ ޤައުމުގެ ދިފާޢުގައި ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވެފައިވާ ކަމަށް ލުބުނާނުގެ ހިޒްބުاللهގެ ޑެޕިއުޓީ ޗީފް ނަޢީމް ޤާސިމް މިއަދު ވިދާޅުވެއްޖެއެވެ.
ނަޢީމް ގާސިމް ވިދާޅުވި ގޮތުގައި، އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ލުބުނާންގެ ބިމަށް އަރައިފިނަމަ، އިސްރާއީލާއި ދެކޮޅަށް ކުރިމަތިލާން އެ ޖަމާއަތުން އޮތީ ތައްޔާރަށެވެ. އަދި 2006 ވަނަ އަހަރުގެ ހަނގުރާމައިގައި އެ ޖަމާއަތުން މޮޅުވި ފަދައިން މިފަހަރުވެސް ކާމިޔާބު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 2006 ވަނަ އަހަރު އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ހިނގި 34 ދުވަހުގެ ހަނގުރާމައިގައި ހިޒްބުالله އިން އިސްރާއީލުގެ އުތުރަށް އެތައް ހާސް ރޮކެޓްތަކެއް ފޮނުވާލިއެވެ. ހައިފާ، ޓިބެރިއާސް، އަދި ކިރިޔަތު ޝްމޯނާ ފަދަ މުހިންމު ސިޓީތަކަށް އަމާޒުކޮށް ދިން ހަމަލާ ތަކުގައި އެތައް ހާސް ޔަހޫދީން ހާލުގައި ޖެހުނެވެ. އިސްރާއީލުގެ 165 މީހުން މަރުވެ 121 ޔަހޫދީ ސިފައިން މަރުވިއެވެ.
"އަޅުގަނޑުމެންނަށް އަމާޒުކޮށްދޭ ހަމަލާއަކުން ގުޑުވައެއް ނުލެވޭނެ. ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން މުޖާހިދުން ކުރިއެކޭ އެއްގޮތަށް ދުޝްމަނުންނަށް އަމާޒުކޮށް މި ދަނީ ހަމަލާދެމުން،" ނަޢީމް ގާސިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހިޒްބުﷲ އިން އިސްރާއީލްގެ ބިމަށް ފޮނުވާލި ބެލިސްޓިކް މިސައިލާއި ގުޅިގެން އިސްރާއީލްގެ މިލިއަނެއްހާ މީހުން ފިލަންވެގެން ވަގުތީ ހިޔާތަކަށް ވަދެފައިވާ ކަމަށެވެ. އަދި އެކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިޢުތިރާފު ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ދަނޑިވަޅުގައި، ލުބުނާނުގެ އިރުމައްޗަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 45 އަށް އަރާފައިވާއިރު، އިތުރު 70 މީހަކު ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވެއެވެ.
މި ހަނގުރާމައާ ގުޅިގެން ސަލާމަތްވުމަށް 1 ލައްކަ އަށްވުރެ ގިނަ މީހުން ސީރިއާ ތެރެއަށް ވަދެފައިވާ ކަމަށް ވެސް ހަބަރުތަކުން ބުނެއެވެ. މި ހާލަތުގައި، ލުބްނާނުގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ޔަގީންކަން ލުބުނާނުގެ ސަރުކާރުން ދީފައިވާ އިރު، ދެކުނުގައި އަސްކަރިއްޔާ ބަހައްޓަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވެސް ބުނެފައިވެއެވެ.









