ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފަކު އެ ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކަކުން ވަގަށް ފައިސާ ނެގިކަން ސާބިތުވެ، އެ މުވައްޒަފު ޖުރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ބ. އޭދަފުށި، ހިޔާވަހި އަލީ މާޒިންގެ މައްޗަށެވެ.
ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ, ލިބިފައިވާ މަޢުލޫމާތާއި ބާރުގެ ބޭނުންކޮށްގެން 14 މެއި 2021 އިން 23 ސެޕްޓެމްބަރު 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައި މާޒިންގެ މައްޗަށް ކޮށްފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ މަޤާމުގައި މާޒިން ހުރި ދުވަސްވަރު ބީއެމްއެލްގެ ސީއާރްއެމް އިން 13 ކަސްޓަމަރެެއްގެ މަޢޫލޫމާތު ބަދަލުކޮށް، ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިން މާޒިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މި 13 މީހުންގެ އެކައުންޓުން ޖުމްލަ 482,611.41 ރުފިޔާ ސައްޙަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައި، ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައި އަދި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
މާޒިންގެ މައްޗަށް ކުރި ދަޢުވާއަށް އޭނާ އިއުތިރާފްވެފައިވާއިރު، އޭނާ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި އެއްބަސްވުމުގެ ސައްޙަކަން ޝަރީއަތުގެ މަޖިލީހުގައި ކަށަވަރުކޮށްދީ، އެ އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައަޅައި ދިނުމަށް އެދިފައެވެ.
މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވާއިރު، މި ކުށުގެ އަސްލު އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެ، ޕީޖީއާއެކު ހަދާފައިވާ އެއްބަސްވުމާއެކު މި އަދަބު ވަނީ 40 ގަޑިއިރަށް މުޖުތަމަޢަށް ހިދުމަތްކުރުން އަދި 56,200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބަދަލުކޮށްފައެވެ.
ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ޕީޖީގެ އެއްބަސްވުމުގައިވެއެވެ. އަދި ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އައިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް މާޒިންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ކަސްޓަމަރުންގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ބީއެމްއެލްގެ މުވައްޒަފުން ވަގަށް ނަގާ ކަމުގެ ތުހުމަތުތައް ވަރަށް އާންމެވެ.









