ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ދެމުން ދިޔަ އުމް އަލް ފަހްމް ސްކޫލަށް އިއްޔެ މެންދުރު އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ 15 މީހަކު ޒަހަމްވެއްޖެ އެވެ.
މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި ގެއްލުން ލިބުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެ އެވެ. އަރަބި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަ މަތިންދާބޯޓުތަކުން އެ ފެސިލިޓީގެ ތެރޭގައި ހުރި ދެ ކްލާސްރޫމަކަށް މިސައިލް ފޮނުވާލިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 41،586 މީހުން ޝަހީދުވެފައިވާއިރު، އިތުރު 96،210 މީހުން ޒަހަމް ވެފައިވާ ކަމަށް އދ ގެ ރެކޯޑުތަކުން ދައްކައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަނގުރާމަވެރި ސަރަހައްދުގެ ހުރިހާ ހިސާބެއްގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އިތުރު އެތައް ހާސް ބަޔަކު ޝަހީދުވެފައި ތިބޭނެ ކަމުގެ ބިރު އޮތްއިރު، ހަނގުރާމަ ހުއްޓާލާނެ ދުވަހެއް ވެސް ނޭނގެއެވެ.









