ލުބުނާނުގެ އާންމު ރައްޔިތުންގެ ގެތަކަށް އިސްރާއީލުން ހަމަލާދޭން ފަށައިފި އެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުކުރަނީ ހިޒްބުﷲގެ އަމާޒުތަކަށެވެ. ނަމަވެސް ލުބުނާނުގެ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި އަމާޒުވަނީ އާންމު ރައްޔިތުންގެ ގެތަކާއި އިމާރާތްތަކަށެވެ.
އިސްރާއީލުން މި ފަހުން ދިން ހަމަލާތަކުގައި 105 މީހުން ޝަހީދު ވެފައި ވާކަމަށް ލުބުނާނުގެ ސިއްޙީ އޮފިޝަލުން ބުނާއިރު 359 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ މަސްދަރުތަކުން ބުނެއެވެ.
ދެކުނު ސައިދޫން ކައިރީގައި އޮންނަ އައިން އަލް ދަލްބަށް ދިން ހަމަލާއެއްގައި އެކަނި ވެސް 32 މީހުން ޝަހީދުވި ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މި ހަމަލާގައި މީހުން ދިރިއުޅޭ ދެ އިމާރާތް ވަނީ ފުނޑުފުނޑު ވެފައެވެ. އެއީ ދޮރު ގެއްލިފައިވާ ގިނަ އާއިލާތަކެއް ހިޔާވަހިކަން ހޯދަމުންދިޔަ ސަރަހައްދެއް ވެސް މެއެވެ.
ލުބުނާނުން ވަނީ މި ހަމަލާތަކަކީ "ޤަތުލުއާންމެއް" ކަމަށް ސިފަކުރައްވާފައެވެ.









