އިސްރާއީލުން ލުބުނާނަށް އެއްގަމުމަގުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން ލުބުނާނުގެ ސަރަހައްދީ ރޮނގާއި ކައިރިޔަށް ޔަހޫދީންގެ ބޮޑު ލަޝްކަރެއް ޓޭންކަރާ ބުލްޑޯޒަރު ތަކުގައި އެއްކުރަމުންދާ ކަމަށާއި، މިހާރު ވެސް އިތުރު ރިޒާވް ލަޝްކަރެއް ޖަމާކުރަމުންދާ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނެފައި ވަނީ ލުބުނާނުގައި ގްރައުންޑް އޮޕަރޭޝަންތައް ހިންގޭނެ ރިޒާވް ޕާސަނަލްގެ ދެ ލަޝްކަރު ޖަމާކުރަމުންދާ ކަމަށެވެ.
މި ހަފްތާގެ ކުރީކޮޅު އިސްރާއީލުން ވަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ އުތުރު ސަރަހައްދަށް ސިފައިންގެ ދެ ފައުޖު ފޮނުވާފައެވެ.
އިސްރާއީލުގެ ވައިގެ ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބޭރު ސަރަހައްދުތަކަށް ހޮނިހިރު ދުވަހު ދަނީ ހަމަލާ ދެމުންނެވެ. މީގެ ކުރިން ވެސް ވަނީ އާބާދީ ބޮޑު ސަރަހައްދެއްގައި ހުންނަ ހިޒްބުاللهގެ މައި މަރުކަޒަށް އަމާޒުކޮށް ބޮން އަޅާފައެވެ.
އިސްރާއީލުން ބުނާ ގޮތުގައި ބެއިރޫތުގެ އާބާދީ ބޮޑު ސަރަހައްދެއްގައި ހުރި އިމާރާތްތަކަށް އަމާޒުކޮށް ބޮން އެޅީ ހިޒްބުاللهގެ ވެރިޔާ ހަސަން ނަސްރުالله އަވަހާރަ ކޮށްލުމަށެވެ..
އިސްރާއީލުގެ ވައިގެ ހަމަލާއަށް ފަހު އީރާނުގެ ތާއީދު އޮންނަ އަސްކަރީ ޖަމިއްޔާ ހިޒްބުاللهގެ އިސްވެރިޔާ ހަސަން ނަޞްރުاللهއާ ބެހޭ އެއްވެސް ޚަބަރެއް ނުލިބެ އެވެ.
ފާއިތުވި ދުވަސްތަކުގައި އެތައް ހާސް ބަޔަކު ފުރާނަ ސަލާމަތް ކުރުމަށް ބެއިރޫތު އައްސޭރިފަށުގައި އޮންނަ ދަހިޔާ ސަރަހައްދަށް ޖަމާވެފައިވާއިރު އިސްރާއީލުން ވަނީ ސީދާ އެސަރަހައްދަށް ވެސް ބޮން އަޅާފައެވެ.
"އެމީހުން ބޭނުންވަނީ ދަހިޔާ ނައްތާލަން، އެމީހުން ބޭނުންވަނީ އަހަރެމެން އެންމެން ނައްތާލަން،" ފުރާނަ ސަލާމަތްކޮށް އެ ސަރަހައްދުން ފިލައިގެން ދިޔަ އުމުރުން 30 އަހަރުގެ ލުބުނާނުގެ ރައްޔިތެއް ކަމަށްވާ ސާރީ އާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފައި ވެއެވެ.
ބެއިރޫތުގެ ގެދޮރު ގެއްލިފައިވާ ރައްޔިތުން ބިންމަތީގައި ޓެންޓް ޖަހައިގެން ރޭގަނޑު ހޭދަކުރަމުންދާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ސީރިއާގެ ބޯޑަރުގައި އޮންނަ ލުބުނާނުގެ އިރުމަތީގެ ސަރަހައްދުގައި ހުންނަ ހިޒްބުاللهގެ މަޤާމުތަކަށް ހަމަލާ ދެމުންނެވެ..









