ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މޯނީ ރޯއީ އޭނާގެ 38 ވަނަ އުފަންދުވަސް ފާހަގަކުރުމަށްޓަކައި އިއްޔެ ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މިއަދު އުފަންދުވަސް ފާހަގަކުރާ މޯނީ، މާލެ އަތޮޅުގައި ހުންނަ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ދަތުރުގައި އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާރގެ އިތުރުން ބައެއް ރައްޓެހިން ވެސް ބައިވެރިވާ ކަމަށް މަޢުލޫމާތުލިބެއެވެ.
މޯނީ ވަނީ މި "ބާތުޑޭ ގެޓްއަވޭ" ގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. މި ޕޯސްޓުތަކުގެ ކެޕްޝަންތަކުން އެނގޭ ގޮތުގައި މިއީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ޚާއްޞަކޮށްގެން ކުރާ ދަތުރެކެވެ.
މޯނީ ރޯއީ އަކީ ކުރިން ވެސް އެކި ފަހަރު މަތިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ތަރިއެކެވެ. ހިންދީ ޓީވީ ޑްރާމާތަކުން މަޝްހޫރުވެ، މިހާރު ބޮލީވުޑްގެ މަގުބޫލު ތަރިއަކަށް ވެފައިވާ މޯނީއަށް ބޮޑެތި ފިލްމުތަކުން ފުރުޞަތު ލިބެމުންދާކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ ތެރޭގައި މޯނީ ބައިވެރިވެފައިވާ ދެ ފިލްމެއް ކަމަށްވާ "ލަވް ސެކްސް އޯރް ދޯކާ 2" އާއި "ބްލެކްއައުޓް" ވަނީ ރިލީޒްކޮށްފައެވެ. އަދި މީގެ އިތުރުން، ފާއިތުވި މަހު ނުކުތް ޖޯން އަބްރަހަމްގެ ފިލްމު "ވެދާ" ގައި އައިޓަމް ލަވައެއްގައި ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.









