ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެނިގެން ދިޔައީ ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ރާއްޖެ އެކަހެރިވެގެން ދިޔަ މަންޒަރު ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ ޢާންމު މަޖިލީހުގައި ދެއްވި ތަޤްރީރާއި ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޠާރިޤް ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރެއްވި 5 އަހަރުގެ ތެރޭގައި އެއްފަހަރު ވެސް އދ.ގެ ޢާންމު މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު ގުޅުން ބަދަހިކުރަން ބޭނުންފުޅުވި ބޭފުޅެއް ނޫން ކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
Advertisement

ވަޒީރު ޠާރިޤް އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރު ބޭއްވުނު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ބެހޭ އދ.ގެ ސަމިޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލީޑަރުން ވަޑައިގެންނެވި ނަމަވެސް، ރައީސް ޔާމީން އެ ސަމިޓަށް ވަޑައިނުގަންނަވާ ކަމަށެވެ. ވަޒީރުގެ ނަޒަރުގައި ޤައުމުތަކުގެ ލީޑަރުންނަކީ ބައިނަލްއަޤްވާމީ މައިދާނުގައި އެ ޤައުމެއްގެ ރައްޔިތުން ތަމްސީލުކޮށް، އެހީތެރިކަން ހޯދުމަށް މަސައްކަތްކުރާނެ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ ރައީސް މުޢިއްޒުގެ ކިބައިން ފެނިވަޑައިގަންނަވަނީ މުޅިން ތަފާތު މަންޒަރެކެވެ. ރައީސް މުޢިއްޒު ގެންދަވަނީ ދިވެހިންގެ ސިޔާސަތު އިސްކުރައްވައި، ދިވެހިންނަށް ބޭނުންވާ ކަންކަން ބައިނަލްއަޤްވާމީ ގޮތުން ހޯއްދެވުމަށް މަސައްކަތްކުރައްވަމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަޤްރީރުކުރެއްވި ރާއްޖޭގެ ރައީސެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ނަންފުޅު ތާރީޚުގައި ލިޔެވިގެން ގޮސްފައިވާ ކަމަށް ވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު ވަނީ ރާއްޖެއަކީ ދޭދޭ ގުޅުންތައް ބަދަހިކުރަން ބޭނުންވާ ޤައުމެއްކަން މުޅި ދުނިޔެއަށް ދައްކުވައިދެއްވާފައެވެ. ދިވެހިން އިސްކޮށް، ރާއްޖެ ޤަބޫލުކުރާ ސިޔާސަތުތައް އިސްކޮށް، ކޮންމެ މައްސަލައަކަށް ވެސް ޙައްލު ހޯއްދަވާނެކަން ރައީސް މުޢިއްޒު ދައްކުވައިދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސަކީ އަބަދުވެސް ޙައްޤު މަގުގައި އަޑުއުފުލާނެ ބޭފުޅެއް," ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ، ރައީސ ޑރ.މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަނީ ރާއްޖެއަށް ފާގަތި މުސްތަޤްބަލަކަށެވެ.







