ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒު، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އެކްސެލެންސީ ޝެއިޚް ޢަބްދުﷲ ބިން ޒާޔިދު އަލް ނަހްޔާންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ނިއު ޔޯކުގައި ކުރިއަށްދާ 79 ވަނަ އދ. ގެ ޖެނެރަލް އެސެމްބްލީގެ (ޔޫ.އެން.ޖީ.އޭ) އަރިމަތީގައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ. ޚާއްޞަކޮށް އިޤްތިޞާދީ ތަރައްޤީ، އިންވެސްޓްމަންޓް އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން އެދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މިއަށް ޖަވާބުދެއްވަމުން، ޔޫ.އޭ.އީގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު، ދިވެހިރާއްޖެއަށް ކޮންމެ ގޮތަކުންވެސް އެހީތެރިވުމަށް ޔޫ.އޭ.އީ ގެ ވަރުގަދަ އަޒުމު ފާޅުކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ގާތް އަދި ދެމިގެންވާ ގުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިމުނީ ދެ ލީޑަރުންވެސް ޑިޕްލޮމެޓިކް ގުޅުން ވަރުގަދަކުރުމަށާއި، އެކުގައި އިސްކަންދޭ ކަންކަމުގައި ސްޓްރެޓެޖިކް އެއްބާރުލުން ކުރިއެރުވުމަށް އަޒުމު ކަށަވަރު ކޮށްދެއްވުމާއި އެކުގައެވެ.









