ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިއުޒީލެންޑްގެ ޑެޕިއުޓީ ބޮޑުވަޒީރު، ފޮރިން މިނިސްޓަރު އަދި ރޭސިންގ މިނިސްޓަރު އެކްސެލެންސީ ވިންސްޓަން ޕީޓަރސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ (ޔޫއެންޖީއޭ) އަރިމަތީގައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އައު އެއްބާރުލުމުގެ ދާއިރާތައް ހޯދުމަށް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމާއި، އަދި ދިވެހިރާއްޖޭގެ އިސްތިރާޖީ ޖިއޮގްރަފިކް މަޤާމުގެ ބޭނުން ދެ ގައުމަށް ފައިދާވާނެ ގޮތަށް ހިފުން ހިމެނެއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ތިމާވެށީގެ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ފާހަގަކުރެއްވިއެވެ. އަދި އޮކްޓޯބަރު މަހު ސަމޯއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެއްބާރުލުން ދިނުމުގެ މުހިންމު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.
ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޒުވާނުންކަން ފާހަގަކުރައްވައި، އިތުރު ތަޢުލީމީ ފުރުސަތުތަކާއި ސްކޮލަރޝިޕްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ނިއުޒީލެންޑްގެ އިންވެސްޓަރުންނަށް ދަޢުވަތު އެރުވުމާއެކު، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކަކީ އިންވެސްޓްކުރުމަށް އެންމެ އެކަށީގެންވާ ދާއިރާކަން ފާހަގަކުރެއްވިއެވެ.
ބައްދަލުވުން ނިމުމުން، ދެ ވެރިން ވެސް ވަނީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމުގެ މުހިންމު އިސްކަންދޭ ކަންތައްތަކުގައި އިސްތިރާޖީ އެއްބާރުލުން ކުރިއެރުވުމަށް އިލްތިޒާމްވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއާއި ނިއުޒީލެންޑާ ދެމެދުގެ ގުޅުން ވަރުގަދަކުރުމަށް ގާތުން މަސައްކަތްކުރުމަށް ދެ ފަރާތުން ވެސް އަޒުމު ކަނޑައަޅުއްވާފައިވާކަން ފާޅުކުރެއްވިއެވެ.









