ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޓެކްނޮލޮޖީ ކުންފުނިކަމަށްވާ، އެމެރިކާގެ ގޫގުލްއާއެކު ރާއްޖެއިން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބޭއްވުނީ އދގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކުގައި ހުންނަ ގޫގުލް އޮފީހަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތްއެވެ.
ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި، ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.








