އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް ފޯ ހެލްތް އެންޑް އެންވަޔަރަމަންޓްގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުން ފަށައިފިއެވެ. ހެލްތް މިނިސްޓްރީން ހާމަކުރި ގޮތުން، މި ބައްދަލުވުމުގައި ރާއްޖޭގެ ޑެލިގޭޝަންގެ އިސްވެރިޔާގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙަތާއި ތިމާވެށްޓަށް ކުރާ އަސަރުތަކާ ދެމެދު އޮންނަ މުހިންމު ގުޅުން ހައްލުކުރުމަށްޓަކައި ސަރަހައްދީ ޤައުމުތަކުން އެއްބާރުލުން ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސިންގ މެކޭނިޒަމްތަކެއް ޤާއިމްކޮށް އޮނިގަނޑެއް އެކުލަވާލުމެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ހަލީލް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ޚާއްޞަކޮށް ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ޓްރާންސްބައުންޑަރީ ޕޮލިއުޝަން ފަދަ މައްސަލަތައް ހައްލުކުރުމަށް ސަރަހައްދީ ޤައުމުތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެެވެ.
މީގެއިތުރުން، ޖަކާޓާ ޑިކްލަރޭޝަން އޮން ކޯޕަރޭޝަން އިން ހެލްތް އެންޑް އެންވަޔަރަންމަންޓަށް ރާއްޖެއިން ތާއީދުކޮށްފައިވާ ކަމަށާއި، މެންބަރު ޤައުމުތަކަށާއި ޑޯނަރުންނަށް މި ޑިކްލަރޭޝަން ތަންފީޛު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް ފޯ ހެލްތް އެންޑް އެންވަޔަރަމަންޓްގެ ފުރިހަމަ މެންބަރަކަށް ވުމުގެ މަސައްކަތް ރާއްޖެއިން ވަނީ ފަށާފައި ކަމަށެވެ.
މި ބައްދަލުވުމަކީ ސަރަހައްދީ ފެންވަރުގައި ޞިއްޙަތާއި ތިމާވެށީގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.









