މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް ފީފާއިން ނިންމުމުގެ ސަބަބުން ކުލަބު ވެލެންސިއާގެ ސަސްޕެންޝަން އުވިއްޖެއެވެ.
މި މައްސަލަ ފެށުނީ މާޗް މަހު ބޯޑު މެމްބަރު ހަސަން ވަހީދު (ދޮނާ) ގަވާއިދާ ހިލާފަށް ވަކިކުރި ކަމަށް ބުނެ ވެލެންސިއާ ސަސްޕެންޑް ކުރުމުންނެވެ. އެފްއޭއެމުން ބުނަމުން ދިޔައީ ވެލެންސިއާގެ ސަސްޕެންޝަން އުވޭނީ އައު ބޯޑެއް އެކުލަވާލުމުންނެވެ.
ނަމަވެސް ވެލެންސިއާއިން ތުހުމަތުކުރީ އެފްއޭއިން އެގޮތަށް ކަންތައްތައް ކުރީ އެ އެސޯސިއޭޝަންގެ އިންތިޚާބާއި ދިމާކޮށް ކަމަށެވެ.
ރާއްޖޭގެ އެފްއޭގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ ތިޖޫރީގައި ހުރި ފައިސާތަކުން އެފްއޭއެމްގެ ރައީސް އެޕާޓްމަންޓްތައް ގަނެ އަމިއްލަ ކަންކަމަށް އެތައް މިލިއަން ރުފިޔާއެއް ބޭނުންކޮށް މުޅި އެފްއޭއެމްގެ އަގު ވައްޓާލިއިރު، އޮގަސްޓް މަހު ފީފާއިން ވަނީ އެފްއޭއެމްގެ ކަންކަން ބެލެހެއްޓުމަށް ނޯމަލައިޒިން ކޮމިޓީއެއް އައްޔަންކޮށް ތަދައްޚުލްވެފަ އެވެ.
ވެލެންސިއާގެ ސަސްޕެންޝަން ނިމުމަކަށް އައިރު، ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވަނީ އެފްއޭއެމްގެ ތެރޭގައި ހިނގާފައި ހުރި ކަންކަމަށް ބަލާއިރު، ވެލެންސިއާއަކީ ސަސްޕެންޑް ވެފައި އޮންނަން ޖެހޭނެ ކުލަބެއް ނޫން ކަމަށް މީގެކުރިން ވެސް ވިދާޅުވެފައެވެ.









