އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ ދެމަފިރިން ކަމަށްވާ ޕަރްނީތީ ޗޯޕްރާ އާއި ރާގަވް ޗައްޑާގެ ކައިވެންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މި ދެމަފިރިންގެ ކައިވެންޏަށް އަހަރު ފުރުނީ އިއްޔެއެވެ.
ޕަރްނީތީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ރާއްޖޭގައި ހޭދަކުރި އުފާވެރި ވަގުތުތަކުގެ ބައެއް މަންޒަރުތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ދެމަފިރިން ރާއްޖޭގެ ގޮނޑުދޮށުގައި ގޮނޑީގައި އިށީނދެގެން ތިބޭ މަންޒަރާއި، ދޮންވެލިގަނޑުގައި "ހެޕީ އެނިވާސަރީ" ލިޔެފައިވާ މަންޒަރު ހިމެނެއެވެ. މީގެ އިތުރުން ވޯޓަރ ވިލާތަކާ ކައިރީގައި ދެމަފިރިން ތިބޭ މަންޒަރާއި، ގޮނޑުދޮށުގައި އަތާއަތް ޖޯޑުކޮށްގެން ހިނގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ހިމަނާފައިވެއެވެ.
އޭނާގެ ޕޯސްޓްގައި ޕަރްނީތީ ބުނެފައިވަނީ އޭނާ ކައިވެނިކުރީ "އެންމެ ޕާފެކްޓް މީހާއާ" ކަމަށެވެ. އަދި ފިރިމީހާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައިވާއިރު، ދެމަފިރިން ކުރިން ދިމާނުވީ ކީއްވެތޯ ސުވާލުކޮށްފައިވެއެވެ.
ރާގަވްވެސް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ދެމަފިރިން އެކުގައި ހޭދަކުރި ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައެވެ.
ޕަރްނީތީއަކީ 2011 ވަނަ އަހަރު "ލޭޑީސް ވާސަސް ރިކީ ބަހްލް" ފިލްމުން ބޮލީވުޑަށް ތަޢާރަފުވި ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އުންޗައި" ފިލްމުންނެވެ. ރާގަވްއަކީ އިންޑިއާގެ ސިޔާސީ ބޭފުޅެކެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.
މި ދެމަފިރިންގެ ކައިވެނީގެ އަހަރީ ދުވަސް ރާއްޖޭގައި ފާހަގަކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ޕްރޮމޯޝަނެއް ކަމުގައި ފާހަގަކުރެވެއެވެ.









