މާލެ ސިޓީ ކައުންސިލާއި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ގުޅިގެން ޢިމާރާތްކުރަމުން އަންނަ ކެޓް ޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ރެޕިޑް އިންޖިނިއަރިންގ އާ ޙަވާލުކޮށްފައިވަނީ 210,036.61 ރުފިޔާއަށެވެ.
މާލެ ސަރަޙައްދުގައި އުޅޭ ބުޅާތަކަށް ޚާއްސަ ޝެލްޓަރ އެއް ޤާއިމްކުރުމަށް 5,000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށިންނެވެ.
މި ޝެލްޓަރ ނިމޭއިރު ބުޅާތަކަށް ޚާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި ޝެލްޓަރ އެޅުމަށް ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެޓް ޝެލްޓަރ އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތް ފައްޓަވާދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި މިނިސްޓްރީ އޮފް އެގްރިިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމް އަހުމަދުއެވެ.
ދެ މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމާނެކަމަށް ބުނި ނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.









