ލުބުނާނުގައި ތިބި ހިޒްބުﷲގެ ސިފައިންނާއި ދެކޮޅަށް ކަމަށް ބުނެ އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި އެގައުމުން މިހާރު ތައްޔާރުވަނީ ލުބުނާނަށް އެއްގަމު މަގުން އެރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ބޮމުގެ ހަމަލާދީ މިހާރުވެސް އިސްރާއީލުން ލުބުނާނުގެ 500 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްފައިވާއިރު އީރާނުން ބުނަނީ ހިޒްބުﷲ ގެ ކޮމާންޑަރު ޝަހީދު ކޮށްލި ކަމުގައި ވިޔަސް، ހިޒްބުﷲ ހުއްޓުވައެއް ނުލެވޭނެއެވެ.
މި ހަނގުރާމައިގައި އިރާނުން ބައިވެރިވާން ބޭނުން ނުވާ ކަމަށް އެ ޤައުމުން ބުނި ކަމުގައި ވިޔަސް ، ހިޒްބުﷲ އަށް އިރާނުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ.
އެމެރިކާއިން ވަނީ މި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓޯނީ ބްލިންކެން ވަނީ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކޮށް، ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
އެކަމާއި ގުޅިގެން ފޮރިން މިނިސްޓަރު ޢަބްދުﷲ ބޫ ހަބީބު ވިދާޅުވީ އެމެރިކާއިން ބޭނުންވެއްޖެނަމަ ހަނގުރާމަ ހުއްޓުވޭނެއެވެ. އަދި މިހާތަނަށް އެމެރިކާއަކުން މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވާކަށް ވަޢުދެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.









