ރޭ އދ ގެ ސެކިއުރިޓީ ކައުންސިލްގައި ރާއްޖޭގެ ލީޑަރަކު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފިއެވެ. ދެއްކެވީ "ބާރުގަދަ" ވާހަކަތަކެކެވެ. ރައީސް ޑރ މުޙައްމަދު މުޢީއްޒުގެ ތަޤުރީރަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 5 ޤައުމު ކަމަށްވާ އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިއާ އަދި އިނގިރޭސީވިލާތުން ހިތްހަމަނުޖެހިދާނެ ވާހަކަތަކެވެ. އެފަރާތްތަކަށް އޮތް ބާރުތައް ހަނިކޮށްލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވީ ވަރަށް ކެރިވަޑައިގެން ސާބިތުކަމާއި އެކުގައެވެ.
"ލީޑަޝިޕް ފޯ ޕީސް: ޔުނައިޓެޑް އިން ރިސްޕެކްޓް އޮފް ދަ ޔޫއެން ޗާޓަރ، އިން ސަރޗް އޮފް އަ ސެކިއުރިޓީ ފިއުޗާ" ގެ ނަމުގައި ބޭއްވި ބަހުސްގައި އެމަނިކުފާނުގެ ވާހަކަފުޅަކީ ސުލްހަވެރި ކޮންމެ އިންސާނަކު ރުހޭނެ އަދި އެކަމަށް ތާއީދު ކުރާނެ ވާހަކަ ތަކެކެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލަށް ދުނިޔެ ބަލަނީ އުންމީދާއެކު ކަމަށާއި ނަމަވެސް ދުނިޔޭގެ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މިޝަންގައި އދ ވަނީ މުޅިން ނާކާމިޔާބުވެފައިވާ ކަމަށެވެ. އެކަމަށް އެމަނިކުފާނު ދެއްކެވީ ވަރަށް "ފްރެޝް މިސާލެކެވެ" ވިދާޅުވީ، ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިނގަމުންދާއިރުވެސް "އަޅުގަނޑުމެން މިއަދު މިތަނުގައި އިށީނދެގެން މިތިބީ ބައިނަލްއަގްވާމީ ގާނޫނުތައް ދަމަހައްޓައި އެކަމަށް ނިމުމެއް ގެނައުމަށް ބޭނުން ނުވާ ސަލާމަތީ މަޖިލީހެއްގައެވެ" މިއީ ޣައްޒާގެ މުސްލިމުންތައް ކަތިލައި ބުރިބުރިކޮށްލާއިރު ވީޓޯގެ ބާރުގެ ސަބަބުން އެ ޤަތުލުޢާންމު އދ އިން ނުހުއްޓުވުމުގެ ސަބަބުން އެކަމަށް ރިއާޔަތްކޮށް ރައީސް ވަރަށް ސާބިތުކަމާއެކު ވީޓޯގެ ބާރާއި ދެކޮޅަށް ވިދާޅުވި ވާހަކަފުޅެވެ.
ދިވެހި ރާއްޖެ ކިތަންމެ ކުޑަޔަސް، ބާޜުގަދަ ބޮޑެތި ކޮންޓިނެޓްުތަކާއި ބޮޑެތި ނިއުކްލިއަ ބާރުތަކާއި ދެކޮޅަށް ރައީސް ވިދާޅުވީ، އެ ބާރުތަކުގެ ސަބަބުން ދުނިޔޭގެ ސުލްހައިގެ ނިޒާމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ. އެ ޤައމުތަކަށް ދީފައިވާ ވީޓޯ ކުރުމުގެ ބާރުގެ ސަބަބުން ސުލްހައަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެހެންކަމުން އެ ބާރުތައް އުވާލަން ޖެހޭ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ހަގީގީ ސުލްހަ ހޯދޭނީ އދގެ ކައުންސިލުން ހުރިހާ ގައުމުތަކަށް ޖަވާބުދާރީ ވެވޭނެ ގޮތް ތަންފީޒުކޮށްގެންނެވެ. މިހާރު އޮތް ބާތިލު ނިޒާމް އުވާލައިގެންނެވެ. ރައީސް ވިދާޅުވި ވާހަކައިގެ ޚުލާސާ މުރާދަކީ އެމެރިކާއާއި ރަޝިއާ އާއި ޗައިނާ އަދި ފުރާންސާއި އިނގިރޭސީވިލާތުގެ ސަބަބުން ދުނިޔެ ސުލްހަ ކުރުމަށް ދަތިވެފައިވާ ކަމަށެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާއި ވަސީލަތްތައް މަދުވުމާއި ކޯޅުންތަކާ އޮންނަ ގުޅުން ހިމެނޭ ގޮތަށް ސަލާމަތީ ގޮތުން ފުޅާ ދާއިރާއެއްގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވެސް އެމަނިކުފާނުގެ ތަގުރީރުގައި އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ގޮވާލެއްވީ ކޮވިޑް-19 އާއި ތިމާވެށީގެ ކާރިސާތަކާއި ރިމޯޓް ޑިޓޮނޭޝަން ފަދަ އުފެދިފައިވާ ޓެކްނޮލޮޖީތައް ފަދަ ޒަމާނީ ނުރައްކާތަކަށް ރައްދުދޭނެ މިއަށްވުރެ ފްލެކްސިބަލް އަދި އެޑެޕްޓިވް އދ އެއް އުފެއްދުމަށެވެ. އެމަނިކުފާނު ވަކާލާތު ކުރެއްވީ ތަޖުރިބާކާރުންނާއި މަދަނީ ޖަމިއްޔާތަކުން އައު ، "ރިއަލް ޓައިމް" ހައްލުތައް ހުށަހެޅޭނެ މެކޭނިޒަމަކަށެވެ.
އަދި ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) އަށާއި ، ހަނގުރާމައިގެ ސަބަބުން ފަނާވަމުންދާ އެފްރިކާ ބައްރުގެ ގައުމުތަަށް ދާއިމީ ރޮޓޭޓިން ސީޓެއް ހުންނަން އެމަނިކުފާނު ގޮވާލެއްވިއެވެ. ދުނިޔޭގެ ޗާޓަށް ބަލާއިރު މިވަގުތު އދ ގައި އެންމެ ނިކަމެތިކަމެއް ލިބިފައިވަނީ އެފްރިކާއަށެވެ. އެހެންކަމުން، އދ ގެ ކައުންސިލްގައި ހަމަހަމަ ގޮތެއްގައި ތަމްސީލު ކުރުމުގެ ބޭނުންތެރިކަމަށް ރައީސް ޑރ.މުއިއްޒު ވަކާލާތު ކުރެއްވީ އިންސާފާއި ޞުލަޙަ އާއި އިޙްސާންތެރިކަމާއި އެކުގައެވެ.އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ސުލްހައާއި ރައްކާތެރިކަން ބައްޓަންކުރުމުގައި މި ސަރަހައްދުތަކަށް މިއަށްވުރެ ވަރުގަދަ އަޑެއް ހައްގު ކަމަށާއި، "ދައުވަތުދޭ ކަންތައްތަކަށް އަމަލުކުރާ ކައުންސިލެއް" އުފެއްދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސްގެ މި ތާރީހީ އަދި ހަނދާން ނައްތާނުލެވޭ ތަގުރީރުގައި އިއްވި އަޑަކީ ކުދި ޤައުމުތަކުގެ މާޔޫސްކަމާއި އުންމީދުތަކުގެ ވާހަކައެވެ. ހަނގުރާމަތަކުގައި މަރުވަމުންދާ މުޅި އިންސާނީ ދަރިފަސްކޮޅުގެ ވާހަކައެވެ. މީހުން މެރުމާއި ބިންތައް ފޭރުމަށް އދގެ ސެކިއުރިޓީ ކައުންސިލުން ފުރުސަތު ދޭކަމަށާއި، އަދި ހަމައެހެންމެ ގުދުރަތީ ކާރިސާތަކުގެ ސަބަބުން އަންނަ ލޮޅުންތަކުގައި ނާޒުކު ފަރާތްތައް ހިމާޔަތްކޮށް އިންސާފު ދަމަހައްޓަން އދ ގެ ސެކިއުރިޓީ ކައުންސިލްގެ ވީޓޯގެ ބާރުގެ ސަބަބުން މުޅި ދުނިޔެ މާޔޫސް ވެފައިވާ ކަމަށް ވިދާޅުވެ އދ ގެ ވާޖިބު ހަނދާންކޮށްދެއްވިއެވެ.
ދިވެހީންގެ ރައީސްގެ ހިތްވަރުގަދަ ވާހަކަފުޅަށް މިހާރުވެސް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންގެ ސަމާލުކަން ލިބިފައިވާއިރު، އެމަނިކުފާނު ރޭ ވަކާލާތުކުރެއްވީ ހަމައެކަނި ދިވެއްސެއްގެ ހައިސިއްޔަތުން އެކަންޏެއް ނޫނެވެ. އެމަނކުފާޏުނު ވާހަކަފުޅު ދެއްކެވިއިރު ހީވަނީ އެ ވާހަކަފުޅު ދައްކަވަނީ އަނިޔާ ލިބެމުންދާ ހުރިހާ ރައްޔިތުންގެ ފަރާތުންނެވެ. އެމަނިކުފާނު ވަކާލާތު ކުރެއްވީ އިންސާފަށެވެ. ޞުލްޙަ އަށެވެ. ނޮބެލް ސުލްޙައިގެ އިނާމު ހޯއްދަވާކަށް ނޫނެވެ.









