އަމިއްލަ ރުހުމުގައި އެއްވެސް ދިވެއްސަކު އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންފައެވެ. އަދި މިކަމާގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި؛
- އިޤްތިޞާދު ސިންދަފާތުކުރުމާއި، ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ޙިމާޔަތްކުރަންޖެހޭކަން
- ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމަޢުތައް ބާރުވެރިކޮށް، ސަޤާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ޙިމާޔާތްކުރުމުގެ މުހިންމުކަން
- ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ޤައުމެއް ގިނިކަންޏާ ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެންނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެ، އަދި މި މައްސަލައިގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަންޖެހޭކަން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަޤާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަޤްބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަށް އެދެވޭ ޙައްލެއް ނުހޯދޭކަމުގައިވާނަމަ، މިތަނަށް އެއްވެ މިތިބި ބޭނުމާމެދު ސުވާލު އުފެދޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.








