ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދުތަކަށް މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފްކުރުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ..

މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމްގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ވެސް ފާހަގަކުރިއެވެ

މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފްކުރުމުން، އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް ޒަމާނީ ފެންވަރުގައި އުޅަނދުތައް މޮނިޓަރކޮށް، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން، މި އައު ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކްކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.