އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް، ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތަކީ އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް (އޭޕީއާރުއެފްއެޗްއީ) ގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމާއި 12 ވަނަ ހައި ލެވެލް އޮފިޝަލްސް މީޓިން (އެޗްއެލްއޯއެމް)ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ބައެކެވެ.
މިނިސްޓިސްޓަރު ޚަލީލްގެ ފުރަތަމަ މަންޒިލަކަށްވީ "ޓެބެޓް ކޮމިއުނިޓީ ހެލްތު ސެންޓަރ" އެވެ. މި ޕްރައިމަރީ ކެއއަރ ފެސިލިޓީގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކުރައްވައި، ކޮމިއުނިޓީ ސާވިސްއަށް ބޭނުންކުރާ އާ ވަސީލަތްތަކާއި ޚިދުމަތްދޭ ގޮތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.
މީގެއިތުރުން، މިނިސްޓަރު ޚަލީލް ވަނީ އިންޑޮނޭޝިއާގެ އެންމެ ބޮޑު ޕަބްލިކް ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ސިޕްޓޯ މަންގުންކުސުމޯ ހޮސްޕިޓަލަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ހޮސްޕިޓަލް މެނޭޖްމަންޓާއެކު ޑިޖިޓަލް ހެލްތު، ހެލްތު އިންފޮމޭޝަން މެނޭޖްމަންޓް، އުމުރުން ދުވަސްވީ މީހުންނަށް ދޭ ފަރުވާ އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސެޕްޓެމްބަރު 24 އިން 26 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލް، އިންޑޮނޭޝިއާގެ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވައި، އިތުރު ސިއްހީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓްގެ މައިގަނޑު އަމާޒަކީ މެމްބަރު ޤައުމުތަކުން ނޭޝަނަލް އެންވަޔަރަންމަންޓަލް ހެލްތު އެކްޝަން ޕްލޭންތައް ތަންފީޒުކުރުމަށް ހިތްވަރުދިނުމެވެ. ދިވެހިރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކިއެކި ވަސީލަތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ސިއްހީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމުގައި މެމްބަރު ޤައުމުތަކުން އެހީތެރިވެދޭނެކަމަށް އުންމީދުކުރެވެއެވެ.
މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.









