ލުބުނާނުގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި އެމެރިކާ އަށް ކަމަށް ލުބުނާނުން ބުނެފިއެވެ.
ލުބުނާނުގެ ފޮރިން މިނިސްޓަރު އަބްދުﷲ ރާޝިދު ބޮއު ހަބީބު ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ލުބުނާނު ސަރަހައްދުގައި ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން އދ.ގަިއ ވާޙަކަފުޅު ދެއްކެވިއެއްކަމަކު އެމަނިކުފާނު އެއްވެސް މިންވަރަކަށް ހަމަލާތައް ހުއްޓުވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ސީދާ އިސްރާއީލަށް އިންޒާރެއް ވެސް ދީފައި ނުވާ ކަމަށް ފުރާންސުގެ ނޫހަކަށް މިއަދު ލުބުނާނުގެ ފޮރިން މިނިސްޓަރު އިންޓަވިއު ދެއްވިއެވެ. "ބައިޑެން ވިދާޅެއް ނުވޭ ތިމަންނާ މިހަނގުރާމަ ހުއްޓުވާނަމެކޭ. އޭނާ ވަޢުދެއް ނުވޭ. ސީދާ ހުއްޓުވާނަމެކޭ ވެސް ވިދާޅެއް ނުވޭ. މިކަން ހުއްޓުވޭނީ އެމެރިކާއަށް އެކަނި"
އޭނާ ވިދާޅުވީ މިކަމުގެ ތެރެއަށް އީރާނުން ވަންނަންބޭނުން ނުވާ ކަމަށެވެ.
"އީރާނުން ނޫޅޭ މިކަމުގެ ތެރެއަށް ވަންނާކަށް. އަޅުގަނޑަކަށް ހިއެއްނުވޭ އެމީހުން ހަނގުރާމަ ކުރަން ބޭނުންވާހެނެއް" ލުބުނާނުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
އިސްރާއީލުން ވަނީ މިދިޔަ ހޯމަ ދުވަހު 500 އަށްވުރެ ގިނަ ލުބުނާނުގެ ރައްޔިތުން ޝަހީދުކޮށްލާފައެވެ. އަދި 1800 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްފައެވެ.









