ރަޝިއާއަށް ހަމަލާދީ ރަޝިއާ ބަލިކޮށްލައި ޔުކްރޭނު މޮޅުވެއްޖެނަމަ އެއީ ދުނިޔޭގެނިމުން ކަމަށް ބުނެ ރަޝިއާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ރަޝިއާއިން މިގޮތަށް އިންޒާރު ދިނީ އެމެރިކާގައި އޮތް ރަސްމިއްޔާތެއްގައި، ރަޝިއާގެ އެތެރެއަށް ހަމަލާދޭ ކްރޫޒް މިސައިލްތައް ވީހާވެސް އަވަހަށް ޔުކްރޭނަށް ފޯރުކޮށްދިނުމަށާއި، މިހާރު ވަރަށް ވަގުތު ކުޑަވެއްޖެ ކަމަށާއި ރަޝިއާ ބަލިކޮށްލަން ޖެހޭ ކަމަށް ޔުކްރޭނުގެ ރައީސް ޒެލެންސީ ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވައި ރަޝިއާއިން ބުނެފައި ވަނީ ރަޝިއާގެ ސަލާމަތްކަން ހޯދާނީ ރަޝިއާއިން ކަމަށާއި ހުޅަނގަށް ކާމިޔާބެއް ނުލިބޭނެ ކަމަށެވެ. އަދި ޔުކްރޭނަށް ހަތިޔާރު ދީގެން ރަޝިއާ ބަލިކޮށްލަން ވިސްނާއިރު ރަޝިއާ އަކީ ނިއުކްލިއާ ބާރެއްކަން ހަނދާން ކޮށްދިނެވެ.