މުޅި ރާއްޖެ ފެހި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މިފްކޯގެ ސައިޓްތަކުން 500 ގަސް ވަނީ ހަދިޔާކޮށްފައެވެ. މި ގަސްތައް ހަދިޔާކުރުމަށް މިއަދު މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކުޑަގިރީގެ މެނޭޖުމެންޓާއެކު އެރަށުގައި ހަފްލާއެއް ބާއްވާފައެވެ.
މި ހަފްލާގައި މިފްކޯއިން ވަނީ ރައީސް މުއިއްޒުގެ ތިމާވެށީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް، އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖުމެންޓުން މިކަމުގައި މިފްކޯއަށް ދިން އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ފާހަގަކުރިއެވެ.
ކުޑަގިރީގެ ފަރާތުން މި ހަފްލާގައި ވަނީ މިފްކޯއަށް ޝުކުރު އަދާކޮށް، އެ ރަށް ފެހިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތަފްސީލް ހިއްސާކޮށްފައެވެ. މީގެ އިތުރުން، ރަށް ފެހި ކުރުމުގައި އެޗްޑީސީގެ މެނޭޖުމެންޓުން ގެންގުޅޭ ހަރުދަނާ ޕްލޭންގެ ބައެއް މައުލޫމާތުތައްވެސް ހިއްސާކުރިއެވެ.
މިފްކޯއިން ކުޑަގިރިއަށް ހަދިޔާ ކުރި 500 ގަހުގެ ތެރޭގައި ގިނަ އަދަދަކަށް ހިޔާވަހިކަން ލިބޭ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިރުނދާއި ދިއްގާގެ އިތުރުން ރުއް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގްރީން ހައުސް ގޭސް މަދުކުރުމަށް ރައީސް މުއިއްޒު ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. މިފަދަ މަސައްކަތްތަކުގައި އަމިއްލަ ކުންފުނިތަކުން ބައިވެރިވުމަކީ ޤައުމީ ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބޭ ބާރަކަށް ވާނެއެވެ.









