މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ނިންމައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ މިކަމާއި ގުޅިގެން އިޢުލާނުކޮށް އާންމު ކޮށްފައެވެ.
މި ނިންމުން ނިންމާފައި ވަނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއެވެ. މިކަމުގެ ސަބަބުން އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.
މިއަދުން ފެށިގެން މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. އަދި މިހާތަނަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް އަލުން ދޫނުކުރުމަށް އަންގާފައިވާކަމަށް ވުޒާރާއިން ބުނިއެވެ.
މިކަމާ ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ހިފޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓަކައި، ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށްގެން ކުރެވެން ހުރި ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މި ނިންމުމަކީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ދެކޭއިރު، މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި އާންމުންނަށް ލިބޭ ޖާގަ އިތުރުވެ، ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.









