ހިޒްބުﷲގެ ހަނގުރާމަވެރިން ގެންގުޅުނު ވޯކީޓޯކީ ތަކާއި ޕޭޖަރު ތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ އާއި ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ފަރާތުން އެމީހުންނާއި ގުޅިފައިވާ ފަރާތްތައް އެއްވެސް ކަހަލަ މުވާސަލާތީ ގޮތުން ބޭނުންކުރެވޭ ޓެކްނޮލޮޖީގެ ވަސީލަތެއް ، އެމީހުން އިންސްޕެކްޓް ކުރަންދެން މިދުވަސްވަރު ބޭނުން ނުކުރުމަށް އަންގައިފިއެވެ.
އީރާނުން ގެންދަނީ މިހާރު ސަރުކާރުގެ މުހިއްމު ގުނަވަންތަކާއި ގުޅުންހުރި ފަރާތްތަކުގެ އަތުގައި ހުރި ސްމާޓް ފޯނުތަކާއި ޕޭޖަރުތަކާއި އެނޫންވެސް މުވާސަލާތީ ތަކެތި ޗެކު ކުރަމުންނެވެ، އޭގެ ތެރޭގައި ގިނައީ ރަޝިއާ އާއި ޗައިނާއިން އުފައްދާފައިވާ ތަކެތި ކަމަށް ހަބަރު ލިބެއެވެ.
ސެކިއުރިޓީ މަސްދަރަކާއި ހަވާލާދީ ސީއެންއެން ރިޕޯޓް ކުރި ގޮތުގައި އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތް ހިޒްބުالله އަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ އިސްރާއީލުގެ މޮސާދާއި އަސްކަރިއްޔާގެ ސިއްރު އޮޕަރޭޝަނެކެވެ.
އެ ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ޝަހީދުވެ 3500އެއްހާ މީހން ވަނީ ޒަޚަމް ވެފައެވެ.
ލުބުނާނުގައި ހިނގި ޕޭޖަރާއި ވޯކީ ޓޯކީ ގޮއްވާލުމުގެ ހާދިސާ އަކީ ވަރަށް ރޭވުންތެރިކަމާއެކު ކޮށްފައިވާ ކަމެކެވެ. މިއީ ލުބުނާނުން މިތަކެއްޗަށް އޯޑަރުކުރުމުން ، އެތަކެތި އުފެއްދި ކުންފުނިން ލުބުނާނަށް އެތަކެތި ފޮނުވިއިރު އޭގައި ހަރުކޮށްފައިވާ ގޮވާ އެއްޗެއްގެ ސަބަބުން ކުރިމަތިވި ކަމެކެވެ. މިއީ ރޭވިގެން ކޮށްފައިވާ އިސްރާއީލުގެ ޖާސޫސީ އިދާރާގެ ބޮޑު މަސައްކަތެކެވެ.
މިތަކެތި ޕްލާންޓް ކޮށްފައިވަނީ ލުބުނާނުން އޯޑަރުކުރި ފެކްޓަރީއާއި ޔަހޫދީންނާއި ގުޅިގެން ކަމަށް ލުބުނާނުން ބުނެއެވެ.
ލުބުނާނުން ޕޭޖަރުތަކަށް އޯޑަރުކުރީ ތައިވާނުގެ ގޯލްޑް އެޕޯލޯ ކުންފުންޏަށެވެ. ނަމަވެސް އެކުންފުނިން ބުނީ އެތަކެތި އުފެއްދީ ބީއޭސީ ކުންފުނިންނެވެ. ބީއޭސީއަކީ ތައިވާނުގެ ކުންފުނީގެ ނަމުގައި މުދާ ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއް ކަމަށް އެޕޯލޯ ގޯލްޑުން ބުނެއެވެ.
ބީއޭސީ ކޮންސަލްޓިން ކޭއެފްޓީ އަކީ އެކި ދާއިރާތަކުން ސްޓްރެޓެޖިކް އެޑްވައިޒަރީ ހިދުމަތްތައް ފޯރުކޮށްދޭ ހަންގޭރީގައި ހުންނަ ކޮންސަލްޓިން ފާމެކެވެ. ބީއޭސީ ކޮންސަލްޓިން ކޭއެފްޓީގެ ވެރިޔަކީ ބައިނަލްއަގްވާމީ ވިޔަފާރިއާއި ކޮންސަލްޓިން ދާއިރާގައި ތަފާތު މަސްލަހަތުތަކެއް ހުރި ވިޔަފާރި މެގްނެޓެއް ކަމަށްވާ ބެލާ އަޕަޓާކީ އެވެ.
ކުންފުނިން މުހިންމު ގޮތެއްގައި ފޯކަސް ކުރަނީ ޔޫރަޕްގެ މާކެޓްތަކަށް ނަމަވެސް، ބީއޭސީ ކޮންސަލްޓިން ކޭއެފްޓީން އިސްރާއީލާ ވިޔަފާރީގެ ގުޅުން ގާއިމްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ގުޅުންތަކުގެ ސަބަބުން ޚާއްސަކޮށް އިސްރާއީލުގެ ފަރުމާތައް ބައިވެރިވާ ޖޮއިންޓް ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަސައްކަތް ކުރެއެވެ. ނަމަވެސް މި ގުޅުމުގެ އަޑިއާ ބެހޭ ތަފްސީލުތައް ސިއްރުކޮށްފައިވެ އެވެ. އިސްރާއީލުގެ ވިޔަފާރި ދާއިރާތަކާ އަޕަޓާކީގެ ގުޅުންތަކުގެ ސަބަބުން މި ސަރަހައްދުގައި ކުންފުނީގެ ފައިތިލަ އިތުރަށް ވަރުގަދަވެ، ދެ ގައުމުގެ ވިޔަފާރިއާއި ސަރަހައްދީ އެއްބާރުލުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި އެ ކުންފުނި ވެއެވެ.









