
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކޮށް 2-2 އިން އެއްވަރުވެއްޖެ އެވެ. ސިޓީން މެޗުގެ ކުރީކޮޅު ، 9 ވަނަ މިނެޓުގައި ހާލަންޑު ލީޑު ނެގިއިރު އެއީ އޭނާގެ 100 ވަނަ ގޯލެވެ.
މި ސީޒަނުގައި ކުޅުނު ފަސް މެޗުން މިހާރު ވެސް ހާލަންޑް ވަނީ 10 ގޯލް ޖަހާފައެވެ. މިއީ 1930 ވަނަ އަހަރަށް ފަހު އިންގްލެންޑްގެ ގަދަ ފަސް މެޗުގައި ކުޅުންތެރިއަކު މި އަދަދަށް ވާސިލްވި ފުރަތަމަ ފަހަރެވެ.
ސިޓީ ގޯލެއް ޖަހާފައި ވަނިކޮށް އެހާފުގެ މާގިނަ އިރެއް ނުވަނީސް އާސެނަލްއިން ނަތީޖާ ހަމަހަމަކުރީ އަލަށް ގެނައި ރިކާޑޯ މެދުވެރިކޮށެވެ. އެއަށްފަހު ސްޓޮޕް ޓައިމްގެ ފުރަތަމަ މިނެޓްގައި އާސެނަލުން ލީޑު ނެގިއިރު، ކޯނަރަކުން ގޯލެއް ކާމިޔާބުކޮށްދިނީ ގެބްރިއަލް އެވެ.
ނަމަވެސް އާސެނަލްގެ މޮޅު ކުޅުން އޭގެ ކުޑައިރުކޮޅެއް ފަހުން ހުއްޓުނެވެ. އެއީ ލިއަންޑްރޯ ޓްރޮސާޑް އަށް ދެވަނަ ރީނދޫ ކާޑަށް ރަތްކާޑު ދެއްކުމުން ނެވެ. ގަނާސް އަށް ދެވަނަ ހާފް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. ސިޓީން ޕްރެޝަރު ކޮށް ދެވަނަ ހާފުގައި 22 ޝޮޓް ހެދިޔަސް ގޯލެއް ޖެހޭ ވަރެއް ނުވިއެވެ. ސްޓޮޕް ޓައިމްގެ ފަހުކޮޅު އެޓީމަށް ނަތީޖާ ހަމަހަމަ ކުރެވުނީ ޖޯން ސްޓޯންސްގެ ގޯލުންނެވެ.
މި މެޗުން އެއްވަރުވުމުން ސިޓީ ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު އޮތްއިރު، ލިވަޕޫލް އޮތީ 12 ޕޮއިންޓާ އެކު ޖެހިގެންނެވެ. އާސެނަލް އޮތީ 11 ޕޮއިންޓާއެކު ތިންވަނައިގައެވެ.









