
މިޔަންމާގެ ބޯޑަރު ކައިރީގައި އޮންނަ ބަންގްލަދޭޝްގެ ޗޮއްޓޮގްރާމް ހިލް ޓްރެކްޓްސް (ސީއެޗްޓީ)ގައި ނަސްލުތަކުގެ މެދުގައި ހިނގި އަނިޔާވެރި ހަމަނުޖެހުންތަކުގައި ހަތަރު މީހަކު މަރުވެ، ދިހަވަރަކަށް މީހުން ޒަހަމްވެއްޖެ އެވެ. ބަންގްލަދޭޝްގެ ލޯކަލް މީހަކު މަރާލުމާ ގުޅިގެން ހަމަނުޖެހުންތައް ހިނގައި، އެ ސަރަހައްދުގެ އެކި ނަސްލުތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ކަގްރާޗޫރީ، ރަންގަމާޓީ، އަދި ބަނޑޮރުބޮން ޑިސްޓްރިކްޓްތަކަށް ފެތުރިފައިވާ މި ހަމަނުޖެހުންތަކުގެ ސަބަބުން ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުން ވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަގުމައްޗަށް ނުކުމެ، އަނިޔާވެރިކަން ވަގުތުން ނިމުމަކަށް ގެނައުމަށް ގޮވާލައި، މަރުގެ ޒިންމާ ނެގުމަށާއި އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލާފައެވެ.
މި މުޒާހަރާތަކާއި ގުޅިގެން މުހިއްމު މަގުތަކާއި ކޯރުތައް ބަންދުކޮށްފައިވާއިރު، ބައެއް ގެތަކާއި ފިހާރަތަކުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ. ޚާއްސަކޮށް ކަގްރާޗޫރީ އާއި ރަންގަމާތީގެ ގިނަ އާއިލާތަކެއް ވަނީ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރައްކާތެރި ސަރަހައްދުތަކަށް ފިލައިގެން ގޮސްފައި ކަމަށް ޚަބަރު ލިބެއެވެ.
ބަންގްލަދޭޝްގެ ބޯޑަރު ބަލަހައްޓާ ސިފައިންގެ ގާޑުންނާއި ފުލުހުން ހިމެނޭ ގޮތަށް ސަލާމަތީ ބާރުތަކުން ދަނީ ހާލަތު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންނެވެ. "މި ސަރަހައްދަކީ ވަރަށް ނާޒުކު ސަރަހައްދެއް. ފުލުހުންނާއި ސަލާމަތީ ބާރުތަކުން ޖޮއިންޓް ޕެޓްރޯލްތައް ކުރިއަށް ގެންދަނީ. ވަރަށް އަވަހަށް ސުލްހަ ގާއިމް ކުރެވޭނެ ކަމަށް އުންމީދު ކުރަން،" ޗޮއްޓޮގްރާމް ރޭންޖްގެ ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް އަހުސަން ހަބީބް ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް މަހު ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވައިގެން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އަނިޔާވެރިކަން އިތުރުވަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.









