ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެއް ހޯދުމަށް މިއަދު އިޢުލާން ކޮށްފިއެވެ. މި މަޤާމަށް މީހަކު ހޯދަން ޖެހުނީ ކުރީގެ ސީއީއޯ ކާރލް ސްޓުމްކަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
ބީއެމްއެލްއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުންނަންވާނެއެވެ. އަދި މީގެ ތެރެއިން ސީނިއަރ އެގްޒެކެޓިވް މެނޭޖްމަންޓްގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެއެވެ. މީގެ އިތުރުން، ލީޑަރޝިޕް އަދި މެނޭޖްމަންޓް ހުނަރުތަކާއެކު، ބޭންކިންންގ އަދި ފައިނޭންސްގެ ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްފައިވުމަކީވެސް މުހިންމު ޝަރުތެކެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮކްޓޯބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިއީ 3 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖެހިފައިވާ މަޤާމެކެވެ. ނަމަވެސް، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓް އިތުރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
މުސާރައިގެ ގޮތުގައި ދެވޭނެ އަދަދެއް އިޢުލާނުގައި ބަޔާންކޮށްފައި ނުވިނަމަވެސް، މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި މުސާރަ ކަނޑައެޅޭނެކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދީފައިވެއެވެ.









