ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށް ވުރެ ގިނަ ހެރޮއިން އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކާއި ދެ ދިވެހިންނަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލަ ވަނީ 17 ސެޕްޓެމްބަރު 2024 ގައި ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅޭގޮތުން އޮކްޓޯބަރު 1 ގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
މިމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި އިރު، ދައުލަތުން ބުނެފައިވަނީ މައްސަލައިގެ ތަޙްޤީޤު ނިމި، ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި މިފެށޭ ހަފްތާގައި ދަޢުވާކުރުމަށް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށްވެސް ދައުލަތުން ބުނެފިއިވެއެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މީހުން ގެނައި ލަގެޖުން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި ތަކެއްޗަކީ ހެރޮއިން ކަމަށް ޝައްކުކުރެވޭ ކަމަށެވެ
މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.









