މިއަދު ފަތިހުގެ ވަގުތެއްގައި އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރް އަލްބާލާ ސިޓީއަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ހަބަރު ލިބެއެވެ.
ސިވިލް ޑިފެންސްގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ އަލްހާކިރު ސަރަހައްދުގައި ހުންނަ ދަވާސް އާއިލާގެ ގެއަކަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 41،391 މީހުން ޝަހީދުވެފައިވާ ކަމަށް އދގެ ހިސާބުތަކުން ދައްކާއިރު، 95،760 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި ތިބި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. އެމީހުންގެ ހަށިތައް ނަގަން ފުރުސަތެއްވެސް ޔަހޫދީން ނުދެއެވެ.









