ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އދ. ގައި އެހުންނެވީ ރާއްޖޭގެ އަޑު އިއްވާށެވެ. އދ.ގައި މީގެ ކުރިން ވެސް ދިވެހި ރައީސުންނާއި ވަޒީރުން ބައިވެރި ވެފައި ވެއެވެ. އެހެން ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. ޚާއްޞައެވެ.
ފުރަތަމަ ކަމަކަށް ، މިއަދަކީ އދ.ގައި ދިވެހި ދިދަ ވިހުރޭތާ 59ވަނަ އަހަރު ފުރޭ ދުވަހެވެ. ދެވަނަ ކަމަކަށް، މިފަހަރަކީ އދ ގެ 14 ބައްދަލުވުމެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނާނެ ފަހަރެކެވެ. މިހާތަނަށް ކުރު މުއްދަތެއްގެ ތެރޭގައި ފަލަސްތީނުގެ މައްސަލައަށާއި އަދި ކިއެއްތަ ، ސިޑްސްގެ ޤައުމު ތަކަށް ދިމާވެފައިވާ މުހިއްމު މައްސަލަތަކުގައި ރާއްޖެއިންނާއި އަދި މުޅި ދުނިޔެއިން ވެސް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިކަން ޔަޥްމިއްޔާތަކުން އެއޮތީ ފެންނާށެވެ. ރައީސްކަމަށް ވަޑައިގެންނެވިތާ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަކާލާތު ކުރެއްވި މިންވަރަށް މި މައްސަލަތަކުގައި ވަކާލާތު ކުރެއްވި ރައީސެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކުގައި ހުންނެވުމަކީ، ދުނިޔޭގެ މައިދާނުގައި މުހިއްމު އަޑެއްގެ ގޮތުގައި ދިވެހިރާއްޖެ ޕޮޒިޝަން ކުރެއްވުމަށް އެމަނިކުފާނުގެ ވައުދުފުޅު ހާމަކޮށްދޭ ކަމެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މަތީ ފެންވަރުގެ 14 ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާއިރު އެ ހުރިހާ ބައްދަލުވުމެއްގެ މަގުސަދަކީ ވެސް އިއްތިހާދުތައް ވަރުގަދަކޮށް ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކުގައި ގައުމުގެ ސްޓޭންޑް ކުރިއެރުވުމެވެ. ޚާއްޞަކޮށް ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމާއި ފަލަސްޠީނުގެ މައްސަލައިގައި ރައީސް މިފަހަރުވެސް ދިވެހިންގެ ބަސް އިއްވާނެއެވެ. ހޮނިހިރު ދުވަހު ވެސް ރައީސް ވަނީ ސިޑްސްގެ ޤައުމުތަކަށް ޚާއްސަކޮށް ރާއްޖެއަށް އެހީ ބޭނުންވާކަން ފާޅުގައި މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ.
މި ތާރީޚީ ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒު ވަނީ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ބޭއްވުނު ސިޑްސްގެ ބައްދަލުވުމެއްގައި މުޅި ދުނިޔެ ބަލައިގަންނަ މުހިއްމު ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ;
- ސިޑްސް ގެ ދަރަނި - ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރެވޭނެ ގޮތް
ދަރަނީގެ ނިސްބަތް %100 އަށްވުރެ މަތިވެފައިވާ ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ގެ 40 ޕަސަންޓަކީ ފަޤީރުކަމެވެ. އެހެންކަމުން ، ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމާއެކު ދަރަނީގެ ދަތިތަކާ ކުރިމަތިލުމަށް މުހިންމު އިސްނެގުމެއްގެ ގޮތުގައި މިއަހަރުގެ ކުރީކޮޅު ފެށި އެސްއައިޑީއެސް ޑެބްޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ރައީސް ފާހަގަ ކުރެއްވިއެވެ.
ޑީއެސްއެސްއެސް ފަށާފައިވަނީ މި އަހަރުގެ މެއި މަހު ރައީސް ވަޑައިގެން ކޯ-ޗެއާ ވެސް ކުރެއްވި ސިޑްސް 4ވަނަ ކޮންފަރެންސްގަ އެވެ. ޑީއެސްއެސްއެސް ގެ އަސާސީ އަމާޒަކީ ދަރަނި ބެލެހެއްޓުމަށް ފުރިހަމަ އަދި ދެމެހެއްޓެނިވި ގޮތެއް ހުށަހަޅައިދީ، މޫސުމަށް އެޑެޕްޓޭޝަން އަދި ތަރައްގީއާ ދިމާލަށް މި ގައުމުތަކަށް ވަސީލަތްތައް އަނބުރާ ގެންދިއުމެވެ. ޑީއެސްއެސްއެސްގެ އަމާޒަކީ އެސްއައިޑީއެސް / ސިޑްސް އަށް މާލީ ޖާގަ ހޯދައިދީ، ދަރަނި އަދާކުރުމުގެ ޕްރެޝަރު ކުޑަކުރުމެވެ.
ތާރީޚީ ދަތުރުފުޅުގެ ފުރަތަމަ ތަޤުރީރުގައި، އިގްތިސާދީ ތަފާތުކުރުމާއި، ގްރީން ބޮންޑާއި ލުއި ފައިނޭންސިން ފަދަ ހަރުދަނާ މާލީ ނިޒާމުތަކެއް ގާއިމްކޮށް، އައު އިގްތިސާދުތައް ބިނާކުރުމުގެ މުހިއްމުކަން ރައީސް ފާހަގަ ކުރެއްވި އެވެ. ކްލައިމެޓް ފައިނޭންސް އާއި ދަރަނި ލުއިކުރުމާ ގުޅުވައިދިނުމަށް ވަކާލާތު ކުރެއްވުމުގައި ރައީސްގެ ލީޑަރޝިޕަކީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފޮނުއްވާ މެސެޖުގެ މުހިންމު އެއް ކަމެވެ.
- މުސްތަގުބަލަށް ޓްރާންސްފޯމަޓިވް ވިޝަނެއް
ކުދި ޤައުމުތަކަކީ ހަމައެކަނި ދިރިހުރުމުގެ ނަމުގައި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި އެއީ ކުރިއަރަމުންދާ މުސްތަގުބަލެއް ކަމަށް ވިދާޅުވެ ރައީސް ވަނީ ކުދި ޤައުމުތަކުގެ އަޑު އިއްވާފައެވެ. ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު ޕާޓްނަޝިޕްތައް ލީވަރކޮށް، އިނޮވޭޓިވް ފައިނޭންސިން ޓޫލްސް ޕްރޮމޯޓްކޮށްގެން، ރައީސްގެ އަމާޒަކީ ދެމެހެއްޓެނިވި ކުރިއެރުމަކަށް ބޭނުންވާ މާލީ ޖާގަ އުފެއްދުމެވެ.
ރައީސުލް ޖުމްހޫރިއްޔާ މުޅި ދުނިޔެއަށް މިއަދު މި މުހިއްމު އިލްތިމާސްތައް ކުރެއްވިއިރު، އިއްތިފާޤުން ނަމަ ވެސް އދ ގެ މުހިއްމު ސަމިޓަށް އެމެރިކާއަށް ވަޑައިގެން އެ އުޅުއްވަނީ ރާއްޖެއިން އދ އާއި ގުޅުނުތާ 59ވަނަ އަހަރީ ދުވަހުއެވެ. މިއިން ދުވަހަކު ރާއްޖެއަށް ނުލިބުނު ޝަރަފެއް ކަމަށްވާ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުން މިފަހަރު ރާއްޖެ ފެންނާނެއެވެ. ދިވެހީންގެ ރައީސް ތަޤްރީރު ވެސް ކުރައްވާނެއެވެ. މި ތާރީޚީ ވަގުތަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެސީގައި އާ ޒަމާނެއް ފެށުނުކަމުގެ އިޝާރާތެކެވެ.









