ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލީލި ލައުންޖަށް ލީޑިން އެއާޕޯޓް ލައުންޖުގެ އެވޯޑް ލިބިއްޖެއެވެ.
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި އިއްޔެ ރޭ ބޭއްވުނު ސައުތު އޭޝިއާ ޓްރެވެލް އެވޯޑް (ސަޓާ) ދިނުމުގެ ޖަލްސާގައި، މި އެވޯޑް ލިބުމާއެކު މިއީ ލީލި ލައުންޖަށް މި އެވޯޑް ލިބުނު ފަސްވަނަ ފަހަރެވެ.
ވީއައިއޭ ޑިޕާޗަރ ޓާމިނަލްގެ މަތީގައި ހުންނަ ލީލި ލައުންޖަކީ 150 މީހުންގެ ޖާގައިގެ ލައުންޖެކެވެ. މި ލައުންޖުގައި ޕްރިމިއަމް ފަސިންޖަރުންނަށް ޚާއްއްޞަކޮށްފައިވާ ފަސްޓް ކްލާސް ލައުންޖް އޭރިއާއެއް ވެސް ހިމެނެއެވެ. ލައުންޖުން ދަތުރުވެރިންނަށް ޚިދުމަތް ލިބެނީ ހެނދުނު 6:30 އިން ފެށިގެން އެ ދުވަހެއްގެ އެންމެ ފަހު ފްލައިޓް ފުރުމާ ހަމައަށެވެ.

ލީލި ލައުންޖުން ދަތުރުވެރިންނަށް ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ފްލައިޓް ދަތުރުތަކާ ބެހޭ މަޢުލޫމާތު ވަގުތުން ލިބުމުގެ އިތުރުން އެކި ބާވަތުގެ ކެއުންތަކާއި ބުއިންތައް ހިމެނެއެވެ. މި ފަދަ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދިއުމުގެ ސަބަބުން، ލީލި ލައުންޖަށް ވަނީ ސަޓާ އެވޯޑުގެ ލީޑިން އެއާޕޯޓް ލައުންޖުގެ މަޤާމު ދެމެހެއްޓުމަށް މަގުފަހިވެފައެވެ.
މި އެވޯޑަކީ ދަތުރުފަތުރުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑު ކަމަށްވާތީ، މި އެވޯޑް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރެވެއެވެ.









