ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާ މިއަދު ފަށައިފިއެވެ. މި މަހާސިންތާގައި 500 އިމާމުން ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިނެވެ.
އެއް ދުވަހަށް ކުރިއަށްދާ މި މަހާސިންތާ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި މަހާސިންތާގައި އިމާމުން ބައިވެރިވީ ދެގޮތަކަށް ކަމަށް މިނިސްްޓްރީން ބުނެއެވެ.
އެއީ:
- ފިޒިކަލީ ހާޒިރުވެގެން ބައިވެރިވި މިސްކިތްތަކުގެ 208 އިމާމުން
- އޮންލައިންކޮށް ބައިވެރިވި 300 އިމާމުން
މި މަހާސިންތާގައި ތަޖުވީދު އިލްމު، ތަފްސީރު، ފިގްހު، ހަދީސް، އަގީދާ އަދި އިލްމީ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، މިސްކިތްތައް ބެލެހެއްޓުމުގައި އިމާމުންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަހާސިންތާއަކީ ވަރަށް ބޮޑު ހެޔޮކަމެއްގެ ފެށުން ކަމަށާއި، މަހާސިންތާގައި މަޝްވަރާކުރެވޭ ކަންތައްތައް ލަސްތަކެއްނުވެ ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި އިމާމުންގެ އާ އޮނިގަނޑާ ބެހޭ މަޢުލޫމާތު ވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުން އަލަށް ފެށި ޒުވާން ހަތީބުންގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ޒުވާން ހަތީބުން މި މަހާސިންތާގައި ބައިވެރިވާކަން މިނިސްޓަރު ވަކިން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. އަދި މިކަމަކީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާވާނެކަމުގެ ހެއްކެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަހާސިންތާއަކީ ރާއްޖޭގެ އިމާމުންގެ މެދުގައި އިލްމީ އަދި ޢަމަލީ ގޮތުން ގުޅުން ބަދަހިކޮށް، އެބޭފުޅުންގެ ޤާބިލުކަން އިތުރުކުރުމަށް އެެޅޭ މުހިންމު ފިޔަވަޅެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.









