މާރާމާރީގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު ހަތް މަސް ފަހުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރެވުނީ މ. މަސްކޮތަންގޭ، މުހައްމަދު ސިބްޠް އަބްދުﷲ (19 އަހަރު) އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ސިބްޠް އަބްދުﷲގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓާއި ހާދިސާ ހިނގި މަންޒަރު ފެނުނު މީހުންގެ ބަޔާން ހިމެނެއެވެ. މި ހެކިތަކުން އޭނާއަކީ ކުށް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަން ފާހަގަކުރެވޭ ކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އަދި މާރާމާރީ ހިންގުމުގައި ހަތިޔާރެއް ގެންގުޅުނު ކަމަށް މަންޒަރު ފެނުނު މީހުން ފާހަގަކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި، ސިބްޠް އަބްދުﷲ އަކީ ގާތްގަނޑަކަށް ހަތް މަސްދުވަސް ވަންދެން ފިލައިގެން އުޅުނު ފަރާތެކެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި ހުއްޓާ ހައްޔަރުކޮށް ރާއްޖެއަށް ޑީޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އޭނާ ބަންދުގައި ބަހައްޓަން ޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އޭނާއަކީ ފިލުމުގެ ނުރައްކާ މަތީ ދަރަޖައަކަށް އޮތް މީހަކަށް ވުމާއި، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓު ގާޒީ އިސްމާއިލް ޝާފިއު ވަނީ، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިންޒާރު ދިނުމަށް ފަހު ކަމަށް ނިންމަވާފައެވެ. މިހާރު މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ސިބްޠް އަބްދުﷲ ވަނީ ބަންދުގައި ބެހެއްޓިފައެވެ.






