ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން ހޮވައި، ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އަޙްމަދު އަލީ ޙަބީބު އައްޔަންކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ބޭންކުގެ ޚާއްޞަ އާންމު ޖަލްސާ ، އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ (އީޖީއެމް) ގައެވެ.
އީޖީއެމްގައި ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އަޙްމަދު އަލީ ޙަބީބު (ނޫވިލާގެ، ސ. ހިތަދޫ)، އަލީ އިރުފާން (ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ) އަދި މުޙައްމަދު ޝާހިދު (ހުޅުމާލެ ފްލެޓް ނަންބަރު 02-2-90) އެވެ. އީޖީއެމްއަށްފަހު ބޭއްވުނު ބޯޑު ބައްދަލުވުމުގައި އަޙްމަދު އަލީ ޙަބީބު ވަނީ ޗެއާޕާސަންގެ މަޤާމަށް އައްޔަންކޮށްފައެވެ. އަޙްމަދު އަލީ ޙަބީބަކީ މީގެ ކުރިން ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅައި އައްޔަންކޮށްފައިވާ ޑިރެކްޓަރުންގެ ތެރޭގައި އަޙްމަދު އަލީ ޙަބީބުގެ އިތުރުން އަލީ ފާރިސް މުޙައްމަދު، އާދިލް މޫސާ، ޑރ. މަރްޔަމް ސުޒީ އާދަމް، އަލީ އިރުފާން އަދި މުޙައްމަދު ޝާހިދު ހިމެނެއެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ އަބްދުﷲ ނަސީމް، މޫސާ ރަޝީދު އަދި ނަޖީމް އިބްރާހީމް ޒަކަރިއްޔާއެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަޤާމަށް އަޙްމަދު އަލީ ޙަބީބު އައްޔަންކުރުމަށް، އޭނާގެ ނަންފުޅު ސަރުކާރުގެ ފަރާތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. މީގެ އިތުރުން ބީއެމްއެލްގެ ބޯޑަށް މުޙައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަން ވެސް ސަރުކާރުން ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މި ބަދަލުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު އައު އޮނިގަނޑެއްގެ ދަށުން މަސައްކަތް ފަށައިފިއެވެ. އައު ޗެއާޕާސަން އަޙްމަދު އަލީ ޙަބީބުގެ ލީޑަރޝިޕްގެ ދަށުން ބޭންކުގެ ކުރިމަގު އިތުރަށް ފުޅާވެ، ޚިދުމަތްތައް ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެއެވެ.









