ޒަޔަނިސްޓް އިސްރާއީލުން ލުބުނާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ހިޒްބުﷲގެ ކޮމާންޑަރު އިބްރާހީމް އަގީލް ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުން ބުނި ގޮތުގައި ދަހިއްހުގައި ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ ސްޕެޝަލް އޮޕަރޭޝަންސް ޔުނިޓުގެ ކޮމާންޑަރު އިބްރާހިމް އަގީލް އާއި އިތުރު ބަޔަކު ވެސް ޝަހީދުކޮށްލިއެވެ. އިސްރާއީލުގެ ހަމަލާއެގޮތުން ހަނގުރާމަވެރި 12 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އިސްރާއީލުން ބުނަނީ މި ކޮމާންޑަރަކީ ހިޒްބުاللهގެ 3 ނަމްބަރު މީހާ ކަމަށާއި، ދާދި ފަހުން ހިޒްބުاللهގެ 2 ނަމްބަރު މީހަކަށް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޒަޔަނިސްޓް އޮފިޝަލަކާ ހަވާލާދީ އެމެރިކާގެ ނިއުސް ވެބްސައިޓް އެކްސިއޯސް އިން ބުނީ 20 މީހުން ހިމެނޭ ހިޒްބުاللهގެ ރަޟްވާން ފޯސްގެ އިސް ކޮމާންޑަރުން އަވަހާރަކޮށްލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ލުބުނާނުގެ ހިޒްބުالله އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ލުބްނާންގެ ސަރުކާރުން ބުނީ, އެ ޙަމަލާތަކުގައި ނުވަ މީހުން ޝަހީދުވެ ، އިތުރު 59 މީހުން ޒަޚަމު ވެފައިވާ ކަމަށެވެ.









