މިދިޔަ އަހަރު މާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން އަހަރެއްވަންދެން ފިލައިގެން އުޅުނު 3 މީހަކު ހައްޔަރުކޮށްފިއެވެ.ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި 3 މީހުން ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއަކާ ގުޅިގެންނެވެ. އެއީ މ. މަސްކޮތަން/ މުޙައްމަދު ސިބްޠް ޢަބްދުﷲ (19 އަހަރު)، ހ. ދޮންތުނޑި/ މުޙައްމަދު އަޙްސަމް (26 އަހަރު) އަދި ލ. ގަން/ މުކުރިމަގު/ އަސްވާނު މުޙައްމަދު (28 އަހަރު) އެވެ.
ފުލުހުން ބުނީ މި ތިން މީހުން ވަނީ މާރާމާރީ ހިންގުމަށްފަހު ރާއްޖޭން ބޭރަށް ފިލައިގެން ގޮސްފައެވެ. އެ މީހުން އަތުލައިގަނެފައިވަނީ ތައިލެންޑުން ޑިޕޯޓްކޮށްލުމާ ގުޅިގެން މި މަހުގެ 18 އަދި 19 ވަނަ ދުވަހު ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަސްވާން މުޙައްމަދު ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވެއެވެ. އަދި މުޙައްމަދު ސިބްޠް ޢަބްދުﷲ އާއި މުޙައްމަދު އަޙްސަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.








