އައްޑޫ ސިޓީ ހިތަދޫގައި ހުކުރު ދުވަހުގެ ހެނދުނު މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ދިވެހި ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އަނިޔާ ލިބިފައިވަނީ ދިވެއްސަކަށެވެ. އަނިޔާ އޭނާ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި، އަނިޔާ ލިބުނު ފަރާތް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ހާލުގައި ގޭގެ ގޯތިތެރޭގައި ފާރެއް ކައިރީގައި އޮއްވާ ފެނިފައިވެއެވެ. އޭނާގެ މުޅި ހަށިގަނޑާއި ފާރުގައި ލޭ ހުއްޓެވެ. ބޮލުގައި ދެ ތަނަކުން ފަޅާލާފައިވާ ކަމަށް ވީޑިއޯތަކުން ދައްކައެވެ. އަދި އޭނާ އެމްބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން ކޮށްފައިވަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހުންގެ ގްރޫޕަކުން އޭނާ އުޅޭ ގެއަށް ވަދެގެންނެވެ.
މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.









