ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ސިލްސިލާ ވައިގެ ހަމަލާތަކާއި އަސްކަރީ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 47 މީހުން ޝަހީދު ވެފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
ފާއިތުވި 24 ގަޑިއިރުގައި އިސްރާއީލުން ހިންގި ބޮޑެތި ޢުދުވާންތަކުގެ ތެރޭގައި ޣައްޒާ ސިޓީ، ބައިތު ލާހިޔާ، ޖަބަލިއާ، އަދި ނުސައިރާތު ރެފިއުޖީ ކޭމްޕް ހިމެނެއެވެ.
ފަލަސްޠީނުގެ ނަސްލު ނައްތާލުމަށްޓަކައި ކުރަމުންދާ ހަނގުރާމައިގައި މި 24 ގަޑިއިރުތެރޭ އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ކުއްލި ހާލަތުގެ ޓީމުތަކަށް ވަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ގާތަކުގެ ދަށުގައި ތާށިވެފައި ތިބި އާންމުން ސަލާމަތް ކުރުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާ ސިޓީގެ އަލްދަރާޖް ކައިރީގައި ހުންނަ ޝެއިޚް އާއިލާގެ ގެއާއި ބައިތު ލަހިޔާގައި ހުންނަ އަބޫ ރަބީއާ އާއިލާ ތަކަކީ މިވަގުތު އިސްރާއީލުގެ އަމާޒުތައް ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
ހުޅަނގު އައްސޭރީގެ އެހެން ތަނެއްގައި އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ހަތް މީހަކު ވެސް ޝަީދު ކޮށްލާފައި ވެއެވެ. މީގެ އިތުރުން ގުދުސްގެ އުތުރުގައި ވެސް ފަލަސްތީނުގެ މީހަކު ވަނީ ޒަހަމްތަކުގައި ޝަހީދުވެފައި ކަމަށް ހަބަރުތައް ބުނެއެވެ.
އިސްރާއީލުގެ ސިފައިން ވަނީ ގެތަކަށް ވަދެ، ބަލައި ފާސްކޮށް މީހުން ބަންދުކޮށް، ހިބްރޫން ހިމެނޭ ގޮތަށް އެހެން ސަރަހައްދުތަކަށް ވެސް އެމީހުންގެ އަނިޔާވެރިކަން ފުޅާކޮށްފަ އެވެ.
ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާރު ބައިލައްކައާއި ގާތްކުރާއިރު، 1 ލައްކަ އާއި ގާތްކުރާ އަދަދަށް މީހުން ވަނީ ޒަޚަމް ވެފައެވެ.









