ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ގެނެސްދިނުމުގައި ބޭނުންވަނީ ހުނަރު ލިބިފައިވާ ދަރިންތަކެއްކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައިއެވެ.

މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވޮކޭޝަނަލް ޓްރެއިނިންގ އަކީ މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރައްވައި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވީ ވަކި ދާއިރާއަކުން ތަޢުލީމް އުނގެނިގެން ތިބިނަމަ ވެސް ވަޒީފާގެ މާހައުލުގައާއި ޤައުމުގައި ލިބެން ހުރި ފުރުޞަތުތަކަށް ބަލައި ކުރިއަށް ދިއުމަށް ހުރިހާ ފަރާތްތަކުން ވެސް ތަފާތު ދާއިރާތަކުން މަސައްކަތުގެ ހުނަރު ހޯދަން ޖެހޭ ކަމަށެވެ.

"ތިޔަ ދަރިވަރުން މިއަދު ތިވަނީ މަސައްކަތުގެ ދާއިރައިން ޤައުމަށް ބޭނުންވެފައިވާ ދާއިރާތަކުން ޚިދުމަތްކުރުމަށް ތައްޔާރުވެފައި. ހުނަރުވެރި މަސައްކަތްތެރިންނަކީ ޤައުމެއްގެ އިޤްތިޞާދުގެ މައި ބަދަ. ތިއީ ހަމައެކަނި ވަޒީފާ އަދާކުރާ ބައެއް ނޫން. މަސައްކަތުގެ ދާއިރާއަށް ނުކުތުމަށްފަހު ތިޔަދަރިވަރުން ވެގެންދާނީ ޤައުމަށް ވަރަށް މުހިއްމު ދަރިވަރުންތަކަކަށް." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވަނީ ޕޮލިޓެކްނިކް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާފައެވެ. އެގޮތުން ޕޮލިޓެކްނިކް ކޮލެޖްއަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕޮލިޓެކްނިކްގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭ އަލިފުށި އަދި ދިއްދޫގައި ޓެކްނިކަލް ކޯސްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ޕޮލިޓެކްނިކުން ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާއަށް ކުރިއަށް ގެންދިޔަ 34 ކޯހަކުން ތަޢުލީމް ހާސިލްކުރި 431 ދަރިވަރަކު ދަސްވެނިވެފައެވެ. އެއީ 324 ފިރިހެން ދަރިވަރުންނާއި 107 އަންހެން ދަރިވަރެކެވެ. މީގެ ތެރޭގައި މާލެގެ އިތުރުން 4 ރަށެއްގައި ހުރި ކެމްޕަސްތަކުން ތަޢުލީމް ހާސިލް ކުރި ދަރިވަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވަނީ ކޯސްތަކުން އެންމެ މަތީ ވަނަ ހާސިލް ކުރި 22 ދަރިވަރުން ހޮވާފައެވެ.

ވަޒީރު ޑރ. މުއްޠަލިބް އިތުރަށް ވިދާޅުވީ، ވަޒީފާއެއް ހޯދާ ކުރިއަށް ދިއުމުގައި ޤައުމަށް ބޭނުންތެރި ދާއިރާއަކުން ކިޔެވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި މަތީ ތައުލީމް ހާސިލް ކުރާއިރުވެސް މުސްތަޤްބަލް އޮތް ދާއިރާއަކުން ކިޔެވުމަށާއި ހުނަރުތައް ދަސްކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ތުރުކީ ސަރުކާރުގެ އެހީގެ ދަށުން ޒަމާނީ ފެންވަރުގެ ލެބެއް މިހާރު ވަނީ ޕޮލިޓެކްނިކަށް ލިބިފައެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ޤައުމުގެ ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ހޯދައިދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ އިސްވެރިން ވަނީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ހުނަރުވެރި މަސައްކަތްތެރިންގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަށް ވަނީ މުސްތަޤްބަލަށް ބޭނުންވާ ހުނަރުތައް ދަސްކޮށް، ޤައުމުގެ ތަރައްޤީއަށް އެހީތެރިވުމަށް ގޮވާލާފައެވެ. މި ރަސްމިއްޔާތަކީ ޕޮލިޓެކްނިކްގެ ކުރިމަގަށާއި، ރާއްޖޭގެ ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއަށް އައު އުއްމީދުތަކެއް ގެނެސްދިން ރަސްމިއްޔާތެއްކަން ފާހަގަކުރެވެއެވެ.