ބަންކަރިން ދާއިރާއަށް ނުކުތުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވިޓޯލް ކުންފުނިން ބުނެފިއެވެ.
ވިޓޯލް ކުންފުނިން މިހެން ބުނެފައިވަނީ ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުންނެވެ.
ވިޓޯލްގެ ފަރާތުން ކެޕްޓަން ރިޝަބް ބެހެލް ބުނީ އެސްޓީއޯއާއެކު ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި އަދި ފައިދާހުރި މަޝްރޫއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ބުނެފައިވެއެވެ.
"ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ގިނަ ފައިދާތަކެއް ލިބުމުގެ ފުރުސަތު އެބައޮތް. އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާކޮށް ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް،" ކެޕްޓަން ރިޝަބް ބެހެލް ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފަށައިފި / ފޮޓޯ: ޚުލާސާ
ވިޓޯލުން ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ބަންކަރިންގެ ދާއިރާގައި ރާއްޖެ އިޝްތިހާރު ކުރުންވެސް ހިމެނެއެވެ.
އަންނަ މަހު ސިންގަޕޫރުގައި ބާއްވާ ދުނިޔޭގެ ބަންކަރިންގެ ދާއިރާގެ އެންމެ ބޮޑު އެއް ކޮންފަރެންސް ކަމުގައިވާ ސިބްކޮންގައި ރާއްޖެ ބަންކަރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވިޓޯލުން ފާހަގަކޮށްފައިވެއެވެ. މި ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށާއި މީގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މި އައު ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބި، ބައިނަލްއަޤްވާމީ ބަންކަރިންގެ ދާއިރާގައި ރާއްޖޭގެ މަޤާމު ވަރުގަދަވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.









