ރާއްޖޭގައި އަލަށް ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް ބިލިއަނަކާއި ގާތްކުރާ އަދަދަކަށް އާމްދަނީ ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ޖުމްލަ 923.46 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
"ގާތްގަނޑަކަށް އެއް ބިލިޔަން ރުފިޔާއާއި ހަމައަށް އާމްދަނީ އެ އަރަނީ. ފެށުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު. 2 އަހަރުގެ ތެރޭގައި އަދި ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް 1 ބިލިއަންއާއި ހަމައަށް އާމްދަނީ އިތުރުވެގެން އައީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ހިދުމަތަށް ބޭނުންކުރާ ތެލުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ މިންވަރެއްގެ ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ބާވަތެއް ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި އެ މަސައްކަތް ކުރީ ސްރީ ލަންކާ އާއި ރާއްޖޭގެ އަވަށްޓެރި އެހެން ގައުމުތަކުގެ ބޯޓުފަހަރު އައިސްގެން ކަަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތާއެކު އެސްޓީއޯގެ އާމްދަނީއަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާގޮތުން 5.49 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީ ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު 18 މިލިއަން ލީޓަރަށް އިތުރުވުމެވެ.
ރާއްޖޭގައި ބަންކަރިން ޚިދުމަތް ފަށާފައިވަނީ ބައިނަލްއަޤްވާމީ ގޮތުން މި ދާއިރާގައި ތަޖުރިބާކާރު ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމެވެ.









