ދިވެހިރާއްޖޭގައި ވަރަށް މަދު ގައުމެއްގެ އެމްބަސީ ނޫނީ ނުހުރެއެވެ. އެގޮތުން އެމްބަސީތައް ހިންގަމުންދަނީ މިގައުމަށް ވަރަށް މުހިންމު އަދި އެހާމެ އެކުވެރި ގައުމުތަކަކުންނެވެ. އެއީ ޗައިނާ އާއި އިންޑިޔާ އާއި ސަޢޫދީ ޢަރަބިއްޔާ އާއި ސްރީލަންކާ އާއި ޕާކިސްތާނު ގެ އެމްބަސީއެވެ.
މިއީ މުޅި މިގައުމަށް ވަރަށް މުހިންމު ، މަދަދުގާރު ތިން ގައުމެވެ . އެހެންކަމުން ވެރިކަމުގައި ހުރީ ވަކިމީހަކަށްވީތީ، އަޅުގަނޑުމެންގެ ރަޙްމަތްތެރި ގައުމުތަކުން ހިންގާ ސަފީރުޚާނާތަކުގެ ކުރިމަތީގައި ޒާތްޒާތުގެ ވައްތަރުތައްޖައްސާ ، ކަރުދާސް އުކާ އެއްޗެތިކިޔައި ހަޅޭއްލަވައިގެންނުވާނެއެވެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޑިޕޮލަމެޓިކް އިމްތިޔާޒު ތަކާ ވެސް ޚިލާފު ކަމެކެވެ. އަޅުގަނޑުމެންގެ މިގައުމަކީ ، ރަޙްމަތްތެރިންނާއި ފޭވެގެން އުޅެވޭ ވަރުގެ ބާރެއް އެއްވެސް ގޮތަކުން އޮތް ޤައުމެއް ނޫނެވެ. އަޅުގަނޑުމެންގެ މިގައުމުގައި ހުރިއްޔާ ހުރި ، ހިތްވަރެއް ، ރަނގަޅަށް ނާޅިން މިނެގެން ނޫނީ، ދެރަ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީވެވޭކަށް ނޯންނާނެއެވެ.
ޑރ.ޝަހީމުއާއި ޑރ.އިޔާޒާ ދެބޭފުޅުން ގެ މެދުގައި އޮތް އިޚްތިލާފު ހިފެހެއްޓުމެއް ނެތި މީޑިޔާއަށް ތިލަކުރުމަކީ ރާއްޖޭގައި ޑިމޮކްރަސީ ގެ ނަމުގައި އާލާވަމުންދާ ފުރައްސާރަ ކުރުމާއި ޣީބަ ބުނުމާއި ދޮގު ތުހުމަތު އެޅުވުމުގެ ނުބައި އާދަ ތަކުގެ ތެރެއަށް ދީނީ ޢިލްމުވެރިން ގެނބިދާނެ ކަމެކެވެ. އޭރުން ނުކުންނާނެ ނަތީޖާ އަކަށް ވާނީ ، ދީނާމެދު ޅަދަރިންގެ ހިތްތަކުގައި އޮންނަންޖެހޭ ލޯބީގައި ކޫރުއެޅުމެވެ. ޒުވާނުންގެ ތެރޭގައި މުލްޙިދުން އިތުރުވުމަކީވެސް އެކަމުން ނުކުމެދާނެ ނަތީޖާއެކެވެ.
މިމާތް އިސްލާމީ އުންމަތަކީ ، ރަޙްމަތާއި ޙިކްމަތުގެ އުންމަތެވެ. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި ކެއްތެރި ވުމާއި ޙިކުމަތް ތެރިކަން އިސްކުރެވިފައިވާ އުއްމަތެވެ. ޚިލާފު އުފެދުމަކީ ޠަބީޢީ ކަމެކެވެ. ބަލިވުމުން ބޭސްކުރާ ފަދައިން ދެބަސްވުންތަކަށް އެންމެ ރަނގަޅު ފަރުވާ ވެސް އޮތީ ވެސް އިސްލާމް ދީނުގައެވެ. މިކަން އެންމެ ރަނގަޅަށް ދެނެވަޑައި ގަންނަވާނެ ބޭފުޅުންނަކީ ވެސް ދީނުގެ ޢިލްމު ވެރިންނެވެ.
އެހެންކަމުން ދީނަށް ހެޔޮގޮތް މުސްލިމުންނަށް ހެޔޮ ގޮތް އެދިވަޑައިގެން ކުރެވޭ ކަންކަމުގެ ތެރެއަށް ޑިޕޮލަމެޓިކް އިމްތިޔާޒުތަކާ ޚިލާފު ޢަމަލުތައް ވެއްދުން އެއީ ރާއްޖެ ފަދަ މީސްކޮޅު މަދު ފުދުންތެރިކަން ނެތް ޤައުމެއްގައި ކުރުން އެއްގޮތަކަށް ވެސް ރަނގަޅު އެދެވިގެންވާ ގޮތެއް ނޫނެވެ.
ޚާއްޞަ ކޮށް ދީނީ ޢިލްމުވެރިންނާއި އެބޭބޭ ފުޅުންގެ އަނބި ކަބަލުން އެމްބަސީތަކަށް އެއްޗެތި ގޮވުމަށް ފޮނުއްވުމަކީ ކުރައްވަން ހެޔޮވާނެ ކަމެއް ނޫނެވެ. އެހެނެއް ނޫނެވެ. ކޮންމެ މީހަކު ވެސް އެދޭ ގޮތް ހާމަކޮށް އެމީހެއްގެ ޝުޢޫރުތައް ސިޓީއަކުން ސަފީރަށް ދެންނެވި ދާނެއެވެ. އެހެން ނަމަވެސް އެކަން ވެސް ކުރަން ވާނީ ބައި ހަދާފައި ގޮސް އަޑުގަދަ ކުރަމަކުން ނޫނެވެ.









