ހުޅުމާލެ 2 ގައި ކުރިން ހަޓުތައް ހިންގި ސަރަޙައްދުގައި ހަދާފައިވާ 20 ކިއޮސްކު ހިންގުމަށް 183 މީހުން ކުރިމަތިލާފައިވާއިރު، ގުރުނެގުން އާދިއްތަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނިގޮތުގައި، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އުމަރު ޒާހިރު ބިލްޑިންގްގެ ހަވަނަ ފަންގިފިލާގައެވެ.
ކިއޮސްކުތައް ކުއްޔަށް ދޫކުރެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެޗްޑީސީން ބުންޏެވެ. ކުލީގެ ގޮތުގައި މަހަކު 3،500 ރުފިޔާ ދައްކަންޖެހޭއިރު، އެކުއިޒިޝަން ފީގެ ގޮތުގައި 5،000 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 10،500 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ވެފައިވުމާއި، ހިޔާ ފްލެޓްގެ ވެރިފަރާތް ނުވަތަ އެތަނުގައި ދިރިއުޅޭ މީހަކަށްވުން ހިމެނެއެވެ. އަދި އެޗްޑީސީއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ހުރުމަކީ ޝަރުތު ހަމަނުވާނެ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނިގޮތުގައި، ކިއޮސްކް ހިންގުމުގެ ހުރިހާ މަސައްކަތެއްގައި އުޅެންވާނީ ހަމައެކަނި ދިވެހިންނެވެ. ބިދޭސީން އެ މަސައްކަތުގައި ގެންގުޅުމަކީ މަނާކަމެކެވެ.
ކިއޮސްކްގައި ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ހުއްދަ ދީފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ކުއްޔަށް ދިނުމާއި، އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅުމާއި، ކާބޯތަކެތި ކެއްކުމާއި، ކިއޮސްކްގެ ބޭރުގައި ތަކެތި ބެހެއްޓުން ހިމެނެއެވެ.
މި ކިއޮސްކުތައް ހެދިފައިވަނީ ކުރިން ހިޔާ ފްލެޓް ސަރަހައްދުގައި ހުއްދަނެތި ހިންގަމުން އައި ހަޓުތަކާއި ވިޔަފާރިތައް ހުއްޓުވުމަށްފަހު، އެ ސަރަޙައްދުގައި ޤާނޫނީ އިމުގެ ތެރެއިން ވިޔަފާރި ހިންގުމަށް މަގުފަހިކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.









